އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދުގެ މައްޗަށް ހުކުމް އިއްވުމުގެ ކުރިން އޭނާ ޖަލަށްލުމަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ޝައްމާނަށް ހުކުމްކުރުމަށް ކްރިމިނަލް ކޯޓުގައި މިއަދު ހަވީރު 4:00 އަށް ވަނީ ތާވަލުކޮށްފައެވެ. އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޯޓުން ދެން އޭނާ ގެންދާނީ މާފުއްޓަށް ކަމަށާއި، ޖަލު ހުކުމެއް ކުރުމަށް އަންގާފައިވާ ކަމަށެވެ. އަދި ހުކުމުގެ މަޖިލީހަށް ވަނުމުގެ ކުރިން މިއަދު 15:30 ގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މައުލޫމާތު ހިއްސާކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.
ޝައްމާން ހައްޔަރުކުރީ އިމިގްރޭޝަންގެ ކޮންޓްރޯލަރަކަށް ހުންނަވައިގެން ބިދޭސީންގެ އަތުން ފައިސާ ފޭރުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމާއި މަނީ ލޯންޑްރިންގެ ތުހުމަތުގައެވެ. ދައުލަތުން ބުނާ ގޮތުގައި ފޭރުނު ފައިސާއިން އޭނާ ވަނީ ސްޓޫޑެންޓް ލޯނެއް ދައްކާފައެވެ. ނަމަވެސް އޭނާ ވަނީ މި ހުރިހާ ދައުވާތަކަށް އިންކާރުކުރައްވައިފައެވެ. ޝައްމާންގެ ދިފާއުގައި އާއިލާއިން ހެކިބަސް ދީފައިވާއިރު، އެ ފައިސާއަކީ ލޯނު ދައްކަން ބައްޕަ ދިން ފައިސާކަމަށް ވަނީ ބުނެފައެވެ.
މި މައްސަލައިގައި ވާނުވާ ބަންދުގައި ހުރުމަށްފަހު މިދިޔަ ޑިސެންބަރު މަހު އޭނާ ދޫކޮށްލާފައިވާއިރު، އޭނާގެ އާއިލާއިންނާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ މިއީ ސިޔާސީ ގޮތުން ޝައްމާން ފްރޭމްކުރަން ރާވައިގެން އުފުލާފައިވާ ދައުވާތަކެއް ކަމަށް ތުހުމަތުކުރައްވާފައެވެ. އެހެންނަމަވެސް ފުލުހުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.
ކޮމެންޓު ފޮނުވާ