މިފްކޯއިން މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކޮށްފި

މިފްކޯއިން މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކޮށްފި

Author
އަހުމަދު
09 ޖޫން 2026 10:29
0

ދިވެހިރާއްޖޭގެ މަސްވެރިކަން ދަށްވެފައިވާ މި ދަނޑިވަޅުގައި، މަސްވެރި އާއިލާތަކަށް މާލީގޮތުން ލުޔެއް ހޯދައިދިނުމުގެ ގޮތުން މިފްކޯއިން ކަޅުބިލަމަސް ގަންނަ އަގު ކިލޯއަކަށް 20 ރުފިޔާއަށް މިއަދު ބޮޑުކޮށްފިއެވެ.

އެ ކުންފުނިން މައުލޫމާތު ދޭގޮތުގައި މި ބަދަލާއެކު މިފްކޯގެ ހުރިހާ ބަނދަރަކުންވެސް މިއަދުން ފެށިގެން ކަޅުބިލަމަސް ގަންނަމުންދާނީ މި އާ އަގުގައެވެ. ކަޅުބިލަމަހުގެ އަގު ބޮޑުކުރި ނަމަވެސް، ކަންނެލި ގަންނަ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އެގޮތުން 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ކިލޯއެއް 20 ރުފިޔާއަށް ގަންނަމުންދާއިރު، 15 ކިލޯއިން މަތީގެ ކަންނެލި ގަންނަމުންދާނީ ކިލޯއެއް 25 ރުފިޔާއަށެވެ.

މަސްވެރިންގެ އަތުން ކަޅުބިލަމަސް ގަންނަ އަގު 20 ރުފިޔާއަށް މަތިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މީގެ ކުރިން މިދިޔަ އަހަރުގެ ފަހުކޮޅު 18.50 ރުފިޔާއަށްވެސް މިފްކޯއިން މަސް ގަނެފައިވެއެވެ. ނަމަވެސް އެފަހަރު މަސް ގަންނަ އަގު ދަށްކުރަން ޖެހުނީ، މެދުއިރުމަތީގެ ހަނގުރާމައާއި ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އެ ކުންފުނީގެ އޮޕަރޭޝަންތަކަށް އެކަމުގެ ނޭދެވޭ އަސަރު ފޯރުމާ ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.