ފެނަކަ ކޯޕަރޭޝަންގެ މާލީ ހާލަތު ރަނގަޅުކޮށް، ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އެ ކުންފުނީގެ ޕްރޮކިއުމެންޓް ޕޮލިސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުއާޒް މުޙައްމަދު އަފީފް ހުސެއިން ވިދާޅުވީ، މި ބަދަލުގެ އެންމެ ބޮޑު ބޭނުމަކީ މާޒީގައި ހިންގާފައިވާ ޒިންމާދާރުކަން ކުޑަ އަމަލުތައް ތަކުރާރުވިޔަ ނުދިނުން ކަމަށެވެ. ދައުލަތުގެ ކުންފުނިތަކަށް މާލިއްޔަތު ގާނޫނަށް އަމަލުކުރުން ލާޒިމު ނުވި ނަމަވެސް، ފެނަކައިގެ މުއާމަލާތްތައް ކުރިއަށްދާނީ އެ ގަވާއިދާ އެއްގޮތަށް ހަރުދަނާ އުސޫލެއްގެ މަތިންކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ. އަދި ކުރިން ތަކެތި ހޯދުމުގައި ފަންނީ ތަޖުރިބާ ނެތް ފަރާތްތަކާ ހަވާލުކުރުމުގެ ސަބަބުން ކުންފުންޏަށް ގެއްލުންވެފައިވާކަން އޮޑިޓްތަކުން ފެންނަން އޮތްކަން މުއާޒް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އިންޖީނުގެތަކަށް ބޭނުންވާ ސްޕެއާ ޕާޓްސް ފަދަ ތަކެތި ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް، ކުއްލި ހާލަތުގައި ތަކެތި ގަތުމުގެ ބަދަލުގައި ދުރާލާ ރާވައިގެން ތަކެތި ގެނެސް ރައްކާކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިކަމަށް އޮތް އެންމެ ބޮޑު ހައްލަކީ ފެނަކައިގެ އައު އިމާރާތް ނިމި، އިންވެންޓްރީ މެނޭޖްކުރާނެ އެކަށީގެންވާ ޖާގަ ލިބިގެންދިއުން ކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރުން ކުންފުނިތަކުގެ އިސްރާފު ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ޕްރޮކިއުމެންޓް ނިޒާމަށް ގެނެވޭ މި ބަދަލަކީ ފެނަކައިގެ ދަރަނި ކުޑަކޮށް، ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަން އެމްޑީ ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ