ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ހުކުމް އިއްވުން މިއަދު ހަވީރު 4:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީއެއްގެ އަތުން ފައިސާ ނެގިކަމުގެ ތުހުމަތުގައި ޝަމްއާންގެ މައްޗަށް ވަނީ ފޭރުމުގެ ކުށުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައެވެ. މި ތިން ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް މަދުވެގެން 9 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި މަނީ ލޯންޑަރިންގެ ކުށަށް 15 އަހަރު ކަނޑައަޅައިފިނަމަ، ޖުމްލަ 19 އަހަރާއި 9 މަހުގެ ޖަލު ހުކުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.
މިދިޔަ މާޗު މަހުގެ 21 ވަނަ ދުވަހު ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަކިކުރުމަށްފަހު، ފުލުހުން އޭނާ ހައްޔަރުކުރީ އޭގެ އަނެއް ދުވަހުއެވެ. ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ކޯޓުން އަމުރުކުރުމާ ގުޅިގެން، ބަންދުގައި 278 ދުވަސް ހޭދަކުރުމަށްފަހު އޭނާ ދޫކޮށްލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ގައެވެ. މި މައްސަލައިގައި އިމިގްރޭޝަންގެ ބައެއް އޮފިސަރުންނާއި އާންމުންގެ މީހަކުވެސް ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުން ވަނީ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުންތައް ހަދާފައެވެ.
ނަމަވެސް، ޝަމްއާން އަދި އޭނާގެ އާއިލާއިން ބުނަމުންދަނީ މިއީ އޭނާ ފްރޭމްކޮށްގެން އުފުލާފައިވާ ދައުވާތަކެއް ކަމަށެވެ. އޭނާގެ އަނބިކަނބަލުންނާއި އާއިލާއިން ތުހުމަތުކުރާ ގޮތުގައި، ޝަމްއާންއާ ދެކޮޅަށް މި މައްސަލަ އުފަންކުރުވީ ހޯމް މިނިސްޓަރު އަލީ އިހުސާން ހިންގަވާ ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލަތަކެއް ރައީސް މުއިއްޒުއާ އޭނާ ހިއްސާކުރެއްވުމާ ގުޅިގެންނެވެ.
ކޮމެންޓު ފޮނުވާ