އެމެރިކާ އީރާނުގެ ސުލްހައިގެ އެއްބަސްވުން ގަބޫލުކުރުން ނޫން ގޮތެއް ނަތަންޔާހޫއަކަށް ނޯންނާނެ: ޓްރަމްޕް

އެމެރިކާ އީރާނުގެ ސުލްހައިގެ އެއްބަސްވުން ގަބޫލުކުރުން ނޫން ގޮތެއް ނަތަންޔާހޫއަކަށް ނޯންނާނެ: ޓްރަމްޕް

Author
އަހުމަދު
08 ޖޫން 2026 08:07
0

އެމެރިކާ އާއި އީރާނާ ދެމެދު އެކުލަވާލަން މަސައްކަތްކުރާ ސުލްހައިގެ އެއްބަސްވުން ގަބޫލުކުރުން ފިޔަވައި އެހެން އިޚްތިޔާރެއް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ނޯންނާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ފައިނޭންޝަލް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ މުޅި މަސްރަހު ކޮންޓްރޯލް ކުރައްވަނީ ސީދާ އެމަނިކުފާނު ކަމަށާއި، މި މައްސަލައިގައި ގޮތް ނިންމުމުގެ ބާރެއް ނަތަންޔާހޫއަށް ނޯންނާނެ ކަމަށެވެ. އަދި އީރާނަށް ރައްދު ހަމަލާ ނުދިނުމަށާއި ސުލްހައިގެ މަޝްވަރާތަކަށް ހުރަސް ނޭޅުމަށް ޓްރަމްޕް ވަނީ ފޯނުން ގުޅުއްވައި ނަތަންޔާހޫއަށް އަންގަވާފައެވެ.

އިޒްރޭލުން ލުބުނާނުގެ ބެއިރޫތަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އީރާނުން އިޒްރޭލަށް މިސައިލް ހަމަލާތަކެއް ދީފައިވީ ނަމަވެސް، އޭގެ ސަބަބުން އެމެރިކާ އާއި އީރާނުގެ ސުލްހައިގެ އެއްބަސްވުމަށް ބަދަލެއް ނާންނާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އީރާނުން ބުނެފައިވަނީ އިޒްރޭލުން ލުބުނާނަށް ދޭ ހަމަލާތައް ހުއްޓާލައިފިނަމަ ހަނގުރާމަ ހުއްޓާލަން ތައްޔާރަށް އޮތް ކަމަށެވެ. ނަމަވެސް އިޒްރޭލުން އެކަމަށް އިޖާބަދީފައި ނުވާތީ އީރާނުން ރައްދު ހަމަލާ ދިނީ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

މި ދަނޑިވަޅަކީ އިޒްރޭލުގެ އެތެރޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، ނަތަންޔާހޫއަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ވަގުތެކެވެ. އިޒްރޭލުގެ ޕާލިމެންޓް އުވާލުމުގެ މަރުހަލާތައް ފެށިފައިވާއިރު، އަވަސް އިންތިހާބަކަށް ދިއުމުގެ ފުރުސަތު ބޮޑެވެ. މީގެ އިތުރުން ނަތަންޔާހޫގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ދައުވާތަކުގެ ޝަރީއަތްތައް ވެސް ވަނީ އަލުން ފެށިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.