ޗާގޯސް ޖަޒީރާގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުން ބާތިލުކޮށް، އެ ރަށްތައް އެމެރިކާއިން ގަތުމަށް ވައިޓް ހައުސްއިން ވިސްނަން ފަށައިފި އެވެ.
އިނގިރޭސިވިލާތުގެ 'ޓެލެގްރާފް' ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އަންނަނީ ޗާގޯސްގެ މައްސަލައިގައި އިނގިރޭސިންގެ ނިންމުމާ ދެކޮޅަށް އެހެން ގޮތްތަކެއް ހޯދަމުންނެވެ. މީގެ ތެރޭގައި، އެމެރިކާއާއި އިނގިރޭސިވިލާތުގެ ގުޅިފައިވާ އަސްކަރީ މަރުކަޒު ކަމަށްވާ ޑިއޭގޯ ގާސިއާގެ ފުރިހަމަ ކޮންޓްރޯލް އެމެރިކާއިން ނެގުން ހިމެނެ އެވެ. އަދި މިކަމާ ގުޅޭގޮތުން އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓާ އެކު ވެސް ވަނީ މަޝްވަރާކުރެވިފަ އެވެ.
އެމެރިކާއިން މިގޮތަށް ވިސްނަނީ ސަލާމަތީ ގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކަކާ ގުޅިގެންނެވެ. އެގައުމުގެ އޮފިޝަލުން ދެކޭގޮތުގައި، މޮރިޝަސްއާ ޗާގޯސް ހަވާލުކޮށްފިނަމަ، އެ ސަރަހައްދުގައި ޗައިނާގެ ނުފޫޒާއި ޖާސޫސީ ހަރަކާތްތައް އިތުރުވުމުގެ ބިރު އެބައޮތެވެ. ހާއްސަކޮށް ޗައިނާގެ ކަނޑުގެ ބާރުގަދަވަމުން އަންނަ ދަނޑިވަޅެއްގައާއި، އީރާނާއެކު އޮތް ނުތަނަވަސްކަމުގެ ތެރޭގައި ޑިއޭގޯ ގާސިއާގެ މުހިންމުކަން ވަނީ ކުރިއަށްވުރެ ބޮޑަށް އިތުރުވެފަ އެވެ. ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެމެރިކާއިން އަންނަނީ އިނގިރޭސިންނާއެކު ގަވާއިދުން މަޝްވަރާ ކުރަމުންނެވެ.
ރައީސް ޓްރަމްޕް ވަނީ އިނގިރޭސިވިލާތުން ޗާގޯސް ދޫކޮށްލަން ނިންމި ނިންމުމަކީ "ވަރަށް ބޮޑު މޮޔަ ކަމެއް" ގެ ގޮތުގައި ސިފަކުރައްވައި އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި ޑިއޭގޯ ގާސިއާ ބޭނުންކުރުމާމެދު އިނގިރޭސިންނާ އުފެދުނު ހިޔާލުތަފާތުވުންތަކުގެ ސަބަބުން، މޮރިޝަސްއާއެކު ވެފައިވާ އެއްބަސްވުމަށް އެމެރިކާއިން ކުރާ ތާއީދު ވަނީ ވަރަށް ބޮޑަށް ކުޑަވެފަ އެވެ.
އެހެންނަމަވެސް، އިނގިރޭސި ސަރުކާރުން ބުނަމުންދަނީ މޮރިޝަސްއާއެކު ވެފައިވާ އެއްބަސްވުން ތަންފީޒު ނުކުރެވުނު ނަމަވެސް އެ އެއްބަސްވުން އަދިވެސް ދެމިއޮތް ކަމަށެވެ. އަދި އެމެރިކާއަށް އެ ރަށްތައް ވިއްކާލުމުގެ އެއްވެސް ހިޔާލެއް އަދި އެފަދަ ހާލަތެއް ވެސް މިހާތަނަށް ނެތް ކަމަށް އިނގިރޭސި އޮފިޝަލުން ވަނީ ބުނެފަ އެވެ.
ކޮމެންޓު ފޮނުވާ