އީރާނުގެ ހަމަލާތަކާ ގުޅިގެން ރައްދު ނުދިނުމަށް ޓްރަމްޕް އިޒްރޭލަށް ގޮވާލައިފި

އީރާނުގެ ހަމަލާތަކާ ގުޅިގެން ރައްދު ނުދިނުމަށް ޓްރަމްޕް އިޒްރޭލަށް ގޮވާލައިފި

Author
އަހުމަދު
08 ޖޫން 2026 07:55
0

އީރާނުން އިޒްރޭލަށް ފޮނުވާލި މިސައިލް ހަމަލާތަކާ ގުޅިގެން، ރައްދުގައި އިތުރު ހަމަލާއެއް ނުދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އިލްތިމާސްކުރައްވައިފި އެވެ.

ލުބްނާނުގެ ބެއިރޫތަށް އިޒްރޭލުން ދިން ހަމަލާގެ ބަދަލުހިފުމުގެ ގޮތުން އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ރޭ ވަނީ އިޒްރޭލުގެ ރަމަޓް ޑޭވިޑް އެއާބޭސްއަށް އަމާޒުކޮށް ގިނަ މިސައިލްތަކެއް ފޮނުވާލާފަ އެވެ. މިއީ މިދިޔަ އޭޕްރީލް މަހަށްފަހު އީރާނުން ސީދާ އިޒްރޭލަށް ހަމަލާދިން ފުރަތަމަ ފަހަރު ކަމަށްވާއިރު، އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން އެ މިސައިލްތައް ހުއްޓުވާފައިވާ ކަމަށެވެ.

މި ހާދިސާއަށްފަހު ޓްރަމްޕް ވަނީ ނަތަންޔާހޫއާ ފޯނުން ގުޅުއްވައި، ދެ ގައުމުން ވެސް މިހާރު ހަމަލާ ބަދަލުކޮށްފައިވާތީ އިތުރަށް މަސްރަހު ގޯސްނުކުރުމަށް އެދިވަޑައިގެންފަ އެވެ. ޓްރަމްޕް ފާހަގަކުރެއްވި ގޮތުގައި އީރާނާއެކު ފައިނަލް އެއްބަސްވުމަކާ ހަމައަށް އައުމާ ވަރަށް ގާތްވެފައިވާއިރު، މިހާރު ހިނގަމުންދާ ކަންކަމުގެ ސަބަބުން އެ މަސައްކަތް ރޫޅިގެންދާން ބޭނުންފުޅެއް ނުވެ އެވެ.

އީރާނުން ބުނާ ގޮތުގައި މި ހަމަލާއަކީ ލުބުނާނާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުންތަކާ އިޒްރޭލުން ހިލާފުވުމުގެ ސަބަބުން ދިން ހަމަލާއެކެވެ. އަދި އީރާނުގެ އިސް ނެގޯޝިއޭޓަރު މުހައްމަދު ބާގިރު ގާލިބާފް ވަނީ، އިޒްރޭލުން އުދުވާނީ އަމަލުތައް ހިންގާހާ ހިނދަކު އިޒްރޭލާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަކީ ހަމަލާދެވިދާނެ ސައްހަ އަމާޒުތަކެއް ކަމުގެ އިންޒާރު ދެއްވާފަ އެވެ.

މިފަދައިން މަސްރަހު ގޯސްވެފައި މިވަނީ ހަނގުރާމަ ހުއްޓާލުމާއި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމާ ގުޅޭގޮތުން ވޮޝިންޓަނާއި ތެހެރާނާ ދެމެދު މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ. މަސްރަހު ފިނިކުރަން ޓްރަމްޕް ބާރުއެޅުއްވި ނަމަވެސް، އިޒްރޭލުގެ އޮފިޝަލުން އަންނަނީ ރައްދު ހަމަލާއެއް ދިނުމުގެ ފުރުސަތު އަދިވެސް އޮތްކަމަށް ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.