ސަރުކާރުގެ ހުރިހާ މިނިސްޓްރީއަކުން އަމިއްލައަށް އިސްނަގައިގެން ވަނީ މައުލޫމާތު އާންމުކޮށްފަ: އާހިދު

ސަރުކާރުގެ ހުރިހާ މިނިސްޓްރީއަކުން އަމިއްލައަށް އިސްނަގައިގެން ވަނީ މައުލޫމާތު އާންމުކޮށްފަ: އާހިދު

Author
އަހުމަދު
07 ޖޫން 2026 08:48
0

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ކޮންމެހެން އާންމުކުރަންޖެހޭ މައުލޫމާތުތައް ސަރުކާރުގެ ހުރިހާ މިނިސްޓްރީއަކުން ފުރަތަމަ ފަހަރަށް އާންމުކޮށްފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު ހާމަކުރެއްވި ގޮތުގައި، ރައީސް އޮފީހާއި ސަރުކާރުގެ 16 މިނިސްޓްރީން މިހާރު ވަނީ ޕްރޯއެކްޓިވް ޑިސްކްލޯޒާ ނުވަތަ އަމިއްލައަށް އިސްނަގައިގެން މައުލޫމާތު ހާމަކުރުމުގެ އެވްރެޖު 100 ޕަސެންޓަށް ގެންގޮސްފައެވެ. މީގެ ކުރިން މި ނިސްބަތް ހުރީ އެންމެ 34 ޕަސެންޓުގައެވެ. މިއީ މައުލޫމާތު ހޯދުމަށް އެދި ހުށަހެޅުމަކާ (އާރުޓީއައި އަކާ) ނުލައި އިދާރާތަކުން އާންމުކުރަންޖެހޭ މައުލޫމާތުތަކެކެވެ. މިއީ މިހުރިހާ މައުލޫމާތެއް އެއްފަހަރާ އާންމުކުރި ފުރަތަމަ ފަހަރެވެ.

މި ކާމިޔާބީ ފާހަގަކުރައްވައި ކޮމިޝަނަރު ވިދާޅުވީ، މިއީ ނިމުމެއް ނޫން ކަމަށާއި މިއީ ފެށުމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިނިސްޓްރީތަކުގެ ދަށުން ހިނގާ ހުރިހާ އިދާރާތަކެއް ފުރިހަމައަށް އަމަލުކުރާކަން ކަށަވަރުކުރުމާއި، ޝާއިއުކުރެވިފައިވާ މައުލޫމާތުތައް އަދާހަމަކޮށް ބެލެހެއްޓުމުގެ އިތުރުން، އާރުޓީއައި ހުށަހެޅުންތަކަށް ވަގުތުން ޖަވާބުދާރީވުމަށް އަމާޒު ހިފާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އާރުޓީއައި ގާނޫނު ބުނާގޮތުން، ކޮންމެ އިދާރާއަކުން ވެސް އެ ތަނެއްގެ އޮނިގަނޑާއި، ދޭ ހިދުމަތްތަކާއި، މުވައްޒަފުންގެ މައުލޫމާތު ހިމެނޭހެން 13 ބާވަތެއްގެ މައުލޫމާތު މަދުވެގެން އަހަރަކު އެއްފަހަރު އާންމުކުރަން ޖެހެއެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި ފާއިތުވި އަހަރުގެ މެއި މަހުން ފެށިގެން މިއަހަރުގެ މެއި މަހުގެ ނިޔަލަށް ހުށަހެޅުނު 288 އާރުޓީއައިގެ ތެރެއިން 233 ހުށަހެޅުމަކަށް މިހާތަނަށް ވަނީ ޖަވާބުދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.