ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް: ރައީސް

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް: ރައީސް

Author
އަހުމަދު
07 ޖޫން 2026 10:23
0

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާ ގުޅިގެން، ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެއްޗަކީ ރައްކާތެރި އަދި އިތުބާރު ހިފޭ ތަކެއްޗަށް ހެދުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ކާބޯތަކެތީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް ނައްތާލުމަކީ ދެމެހެއްޓެނިވި ތަރައްޤީއަށް ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި ހަރުދަނާ ނިޒާމެއްގެ ތެރެއިންނާއި، އެންމެން ގުޅިގެން ކުރާ މަސައްކަތުން މިފަދަ ބަލިތަކުން ސަލާމަތްވެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ސަރުކާރުން މިހާރުވެސް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާކަން ބަޔާންކުރައްވަމުން، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނެއް ވުޖޫދަށް ގެނައުމާއި، ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތި ޓެސްޓުކޮށް މޮނިޓަރ ކުރެވޭނެ ހަރުދަނާ އިންތިޒާމުތަކެއް ހަމަޖެއްސުން އޭގެ ތެރޭގައި ހިމެނޭކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދު މި ދުވަސް ފާހަގަކުރާއިރު، ފަލަސްޠީނުގެ ޣައްޒާއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރައްކާތެރި ކާނާއާއި ފެނުން މަޙްރޫމްވެފައިވާ މީހުން މަތިން ހަނދާން އާކުރައްވައި، އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ރައީސް ވަނީ ގޮވާލައްވާފައެވެ. އަދި ހަރުދަނާ ގުޅުންތަކަކާއެކު ދުނިޔޭގެ އެންމެނަށްވެސް ރައްކާތެރި މުސްތަޤުބަލެއް ކަށަވަރުކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ޖޫން މަހުގެ 7 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މިއަހަރުގެ ޝިޢާރަކީ "ބަރޑަން ޓު ސޮލިއުޝަންސް – ސޭފް ފުޑް އެވްރީވެއަރ" އެވެ. ދުނިޔޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ތަޣައްޔަރުވެފައިވާ ކާނާގެ ސަބަބުން އަހަރަކު 800 މިލިއަން މީހުންނަށް ބަލިޖެހި، 1.5 މިލިއަނަށްވުރެ ގިނަ މީހުން މަރުވާކަމަށް ވަނީ ރެކޯޑުކުރެވިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.