ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާއިރު، އެއްވެސް މައްސަލައެއް ދިމާނުވާނަމަ ކަނޑައެޅިފައިވާ ގަޑިއަށް ވޯޓުފޮށިތައް ބަންދުކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާޙް ރަޝީދު ވިދާޅުވީ، ވޯޓުލުމުގެ ކަންކަން ވަރަށް އޮމާންކަމާއެކު ކުރިއަށްދާ ކަމަށާއި، ކޮމިޝަންގެ ކޮންޓްރޯލުން ބޭރު ކަމެއް ނުވަތަ ކާރިސާއެއް ފަދަ ކަމެއް ދިމާނުވާނަމަ ހަވީރު 4:00 އަށް ވޯޓުލުން ނިންމާލައި ފޮށިތައް ބަންދުކުރާނެ ކަމަށެވެ. އެހެންކަމުން، ވަގުތު ހަމަވުމުގެ ކުރިން ވީހާވެސް އަވަހަކަށް ވޯޓުލާ މަރުކަޒުތަކަށް ގޮސް ވޯޓުލުމުގެ ޤާނޫނީ ޒިންމާ އަދާކުރުމަށް އޭނާ ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.
މީގެ އިތުރުން، ވޯޓުލާން ދާއިރު މުއްދަތު ހަމަނުވާ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް (އައިޑީ ކާޑު، ޕާސްޕޯޓު، ޕާސްޕޯޓު ކާޑު ނުވަތަ ޑްރައިވިންގ ލައިސަންސް) ގެންދިއުމަށް ކޮމިޝަނުން ވަނީ ހަނދާންކޮށްދީފައެވެ. މުއްދަތު ހަމަވެފައިވާ ލިޔުމެއް ގެންދާ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު ނުލިބޭނެކަންވެސް އެ ކޮމިޝަނުން ފާހަގަކުރެއެވެ. އިންތިޚާބުގެ ވަގުތުގައި ކެމްޕެއިން ކުރުން ފަދަ ޤާނޫނާ ޚިލާފު ކަންކަމުން ދުރުހެލިވުމަށާއި، މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ މަސައްކަތަށް ހުރަސްނޭޅޭނެހެން އެއްބާރުލުން ދިނުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ