ސުލްހައިގެ މަޝްވަރާއަށް ޒެލެންސްކީ ދެއްވި ދައުވަތަށް ޕޫޓިން ދެކޮޅު ހައްދަވައިފި

ސުލްހައިގެ މަޝްވަރާއަށް ޒެލެންސްކީ ދެއްވި ދައުވަތަށް ޕޫޓިން ދެކޮޅު ހައްދަވައިފި

Author
އަހުމަދު
06 ޖޫން 2026 11:07
0

ރަޝިއާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ދެއްވި ދައުވަތަށް، ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕޫޓިން ދެކޮޅު ހައްދަވައިފި އެވެ.

ޒެލެންސްކީ ވަނީ ހަމަލާތައް ހުއްޓާލައި ސީދާ މަޝްވަރާތަކަށް ވަޑައިގަތުމަށް އެދިވަޑައިގެން ހުޅުވާލެވިފައިވާ ސިޓީއެއް ނެރުއްވާފަ އެވެ. ނަމަވެސް ޕޫޓިން ވަނީ މި ވަގުތު ބައްދަލުވުމެއް ބޭއްވުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ވިދާޅުވެ، އެ ސިޓީއަކީ ބޭއަދަބީ ސިޓީއެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި އެއީ ބައްދަލުވުމަކަށް މަގުފަހިކުރުމުގެ އިހުލާސްތެރި ނިޔަތެއްގައި ކުރި ކަމެއްތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

ހަމަލާ ހުއްޓާލުމުގެ ކުރިން މާނަހުރި އަދި އަސާސީ މަޝްވަރާތަކެއް ކުރަންޖެހޭނެ ކަމަށް މޮސްކޯއިން ބުނާއިރު، ޕޫޓިން ވިދާޅުވީ ހަމަލާ ހުއްޓާލުމަކީ ޔޫކްރެއިންއަށް އަލުން ބާރުތައް އެއްކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށެވެ. އަދި ރަޝިޔާގެ އަސްކަރީ މަގްސަދުތައް ހާސިލުވުމުން ނޫނީ ހަނގުރާމަ ނުހުއްޓޭނެކަން އޭނާ ތަކުރާރު ކުރެއްވި އެވެ. ރަޝިޔާއިން އަދިވެސް ޝަރުތުކުރަނީ ޑޮނެޓްސްކް، ލުހާންސްކް، ހެރްސަން އަދި ޒަޕޮރީޝިއާ އިން ޔޫކްރެއިން ސިފައިން ފޭބުމަށާއި ނޭޓޯއާ ގުޅުމަށް ޔޫކްރެއިންއިން ދެކޭ ހުވަފެން ދޫކޮށްލުމަށެވެ.

ބިމުގެ ބައެއް ދޫކޮށްލުމަކީ ރަޝިޔާއިން އިތުރު ހަމަލާތަކެއް ދިނުމަށް ހިތްވަރު ލިބޭނެ ކަމެއް ކަމަށް ބުނެ، މި ޝަރުތުތަކަށް ކީވްއިން ދަނީ ދެކޮޅު ހަދަމުންނެވެ. ޕޫޓިންގެ ނިންމެވުމަށް ރައްދުދެއްވަމުން ޒެލެންސްކީ ވިދާޅުވީ ޕޫޓިން އަދިވެސް އިހުތިޔާރުކުރައްވަނީ ހަނގުރާމަ ކަމަށާއި، މި ނިންމުމާ މެދު މުޅި ދުނިޔެ މާޔޫސްވާނެ ކަމަށެވެ.

ސިޔާސީ ހައްލަކަށް އޮތް އުންމީދުތަކަށް ބޮޑު ހުރަހެއް ކުރިމަތިވެފައިވާއިރު، ހަނގުރާމައިގެ މައިދާނުގައި ހަމަލާތައް ދަނީ އިތުރަށް ވަރުގަދަވަމުންނެވެ. އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރަޝިޔާއިން ދިން ހަމަލާތަކުގައި 13 މީހުން މަރުވެ 70 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު، ޔޫކްރެއިނުން ވަނީ އަޒޮވް ކަނޑުގައި އޮތް ރަޝިޔާގެ ފަސް ބޯޓަކަށް ހަމަލާދީފަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް މި ބައްދަލުވުމަށް ތާއީދުކުރެއްވި ނަމަވެސް، ދެ ލީޑަރުންގެ މި ބަހުގެ ހަމަލާތަކާއެކު ސުލްހައިގެ މަސައްކަތް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.