ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގާއިރު، ތިމާވެށި ހިމާޔަތްކުރުމަކީ އެންމެ އިސްކަންދޭ އެއް ކަންތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން އަލަށް ފެށި "ދަ ޕަލްސް" ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް ބިނާކޮށްފައިވަނީ ތަރައްޤީއާއި ތިމާވެއްޓާ ގުޅިލާމެހޭނެ ގޮތެއްގެ މައްޗަށް ކަމަށެވެ. މިގޮތުން، މި ދެކަންތައް އެކުއެކީގައި ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވައި، ސަރުކާރުގެ މަޝްރޫޢުތަކުގައި އެކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބިން ހިއްކުމުގެ މަޝްރޫޢުތަކަކީ ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ބަހުސްކުރެވޭ ކަމަކަށް ވީނަމަވެސް، އެ މަސައްކަތްތައްވެސް ކުރިއަށް ގެންދަނީ ތިމާވެއްޓަށް ގެއްލުން ކުޑަވާނެ ފިޔަވަޅުތަކާއެކު ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އެއް މިސާލެއްގެ ގޮތުން ރަސްމާލެ މަޝްރޫޢު ފާހަގަކުރައްވައި، އެތަނުގެ މުރަކަތައް ސަލާމަތްކޮށް އާލާކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖެއަކީ ތިމާވެށި ރައްކާތެރިކުރުމުގައި މުޅި ދުނިޔެއަށް ނަމޫނާ ޤައުމަކަށް ހެއްދެވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ