ފެނަކަ ކޯޕަރޭޝަނުގެ ހިންގުން ހަރުދަނާކޮށް ކުންފުނި ރައިޓްސައިޒް ކުރުމުގެ މަސައްކަތުގެ ތެރެއިން، އެ ކުންފުނީގެ މުވައްޒަފުންނަށް ޕޭ ލީވް އަދި ނޯ ޕޭ ލީވް ދިނުން ވަގުތީގޮތުން މަޑުޖައްސާލައިފިއެވެ.
އެ ކުންފުނީގެ ބްރާންޗްތަކާއި ޑިޕާޓްމެންޓުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ، މުސާރަ ލިބޭ ގޮތަށާއި ނުލިބޭ ގޮތަށް ދޭ ޗުއްޓީތައް ދިނުން މިއަދުން ފެށިގެން މެދުކަނޑާލާފައިވާ ކަމަށެވެ. މީގެ އިތުރުން މިއަދު ނެރުނު އިންޓާނަލް މެމޯއެއްގައި، ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ޕޮލިސް ރިޕޯޓް ހޯދުމަށްފަހު އަންނަ ބުރާސްފަތި ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން ހެޑް އޮފީހަށް ފޮނުވުމަށް ހުރިހާ ޑިޕާޓްމަންޓްތަކަށާއި ބްރާންޗްތަކަށް ވަނީ އަންގާފައެވެ.
މިދިޔަ އޭޕްރިލް މަހު ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމާ މުޙައްމަދު އަފީފް ހުސައިން ހަވާލުވެވަޑައިގަތުމަށްފަހު، ކުންފުންޏަށް އަންނަނީ ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން، ކުންފުނީގެ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރައާއެކު ވަޒީފާއިން ވަކިވުމުގެ ފުރުސަތު ވެސް ދާދި ފަހުން ވަނީ ހުޅުވާލާފައެވެ.
އެމްޑީ އަފީފް ވިދާޅުވި ގޮތުގައި، މާޒީގައި ކުންފުނި ހިންގާފައިވާ ގޮތުން އޮޑިޓްތަކުންނާއި އެހެނިހެން އިދާރާތަކުން ބެލި ބެލުންތަކުން ރަނގަޅުކުރަންޖެހޭ ގިނަ މައްސަލަތަކެއް ވަނީ ފާހަގަވެފައެވެ. އެހެންކަމުން 8،000 އެއްހާ މުވައްޒަފުން މަސައްކަތްކުރާ އެ ކުންފުނީގެ އޮނިގަނޑު އިސްލާހުކޮށް، އެންމެ އެކަށޭނެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުން ދެނެގަތުމުގެ މަސައްކަތް ކުންފުނިން މިހާރު އަންނަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ