ނެޓްފްލިކްސް، ސްޕޮޓިފައި އަދި އައިކްލައުޑް ފަދަ އާންމުކޮށް ބޭނުންކުރާ އެޕްލިކޭޝަންތަކުގެ ސަބްސްކްރިޕްޝަން ޕޭމަންޓްތައް ބޭންކުން ހިފަހައްޓާފައި ނުވާނެކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
ބީއެމްއެލްއިން މިކަން ސާފުކޮށްދީފައިވަނީ، ސަބްސްކްރިޕްޝަންތަކަށް ފައިސާ ދެއްކުމުގައި ދަތިތަކާ ކުރިމަތިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ޝަކުވާކުރަމުންދާ ދަނޑިވަޅެއްގައެވެ. އެކްސްގައި ކުރި ޕޯސްޓެއްގައި ބޭންކުން ބުނީ، މިފަދަ މުއާމަލާތްތަކަކީ ދުވަހުން ދުވަހަށް ކަނޑައަޅާފައިވާ ބޭރު ފައިސާގެ ލިމިޓުގެ ތެރޭގައި ހިމެނޭ ކަންކަން ނޫން ކަމަށެވެ.
ސަބްސްކްރިޕްޝަންތަކަށް ފައިސާ ދެއްކުމަށް ބޭންކުގެ ފަރާތުން އެއްވެސް ހުރަހެއް ނެތް ނަމަވެސް، އެކި ސަބަބުތަކާ ގުޅިގެން ބައެއް ވިޔަފާރިތަކުން މިފަދަ ޕޭމަންޓްތައް ގަބޫލުނުކޮށް 'ޑިކްލައިން' ކުރާކަން ފާހަގަކުރެވިފައިވާ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. އަދި މިފަދަ ކަމެއް ދިމާވެއްޖެނަމަ ބޭންކާ ގުޅުމުން، އެ މައްސަލައެއް ބަލައި ވަގުތުން އެކަށީގެންވާ ހައްލެއް ހޯދައިދޭނެކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް ވަނީ ދީފައެވެ.
ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމާ ގުޅިގެން ކާޑުތަކުގެ ލިމިޓަށް ބަދަލުތަކެއް ގެނެސްފައިވީ ނަމަވެސް، ކިޔަވާ ކުދިންނާއި ބޭސްފަރުވާއަށް ފުރާ މީހުންގެ އިތުރުން ޒަރޫރީ ބޭނުންތަކާއި އާންމު ދިރިއުޅުމުގައި ބޭނުންކުރާ ސަބްސްކްރިޕްޝަންތަކަށް މެދުކެނޑުމެއްނެތި ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދީފައިވާކަން ބޭންކުން ވަނީ ތަކުރާރުކޮށްފައެވެ.
ކޮމެންޓު ފޮނުވާ