އެމްޑީޕީ އެކުވެރިކުރުމުގެ ނަމުގައި ނަޝީދަށް ވެރިކަން ދިނުމަކީ ހައްލެއް ނޫން: ފަޒްނާ

އެމްޑީޕީ އެކުވެރިކުރުމުގެ ނަމުގައި ނަޝީދަށް ވެރިކަން ދިނުމަކީ ހައްލެއް ނޫން: ފަޒްނާ

Author
އަހުމަދު
04 ޖޫން 2026 09:49
0

އެމްޑީޕީ އެއްބައިވަންތަކުރުމުގެ ނަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ދައުލަތުގެ ވެރިކަން ދޭގޮތަށް އެއްބަސްވުމަކީ ޕާޓީ އެކުވެރިވާނެ ކަމެއް ނޫންކަމަށް ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

ފަޒްނާ މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ރައީސް ނަޝީދަށް ތާއީދުކުރައްވަން ނިންމަވައި، ކުރީގެ މެންބަރު ރޮޒައިނާ އާދަމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކަށް ރައްދުދެއްވަމުންނެވެ. ރޮޒައިނާ ވިދާޅުވެފައިވަނީ ނަޝީދަށް ތާއީދުކުރައްވަނީ ޕާޓީ އެއްބައިވަންތަކުރުމުގެ ބޭނުމުގައި ކަމަށެވެ. ނަމަވެސް އެކަމަށް ރައްދުދެއްވައި ފަޒްނާ ވިދާޅުވީ، ރައީސް ނަޝީދު ޗެއާޕާސަން ކަމަށް ނުކުމެވަޑައިގަތީ "ބޮޑު ބަދަލު"ގެ ނަމުގައި ފައްޔާޒަށް ބޮޑުވަޒީރުކަން އަދި ނަޝީދަށް ދައުލަތުގެ ވެރިޔާކަން ދޭގޮތަށް ކަމަށާއި، އެހާ ހިސާބުން އެކުވެރިކުރުމުގެ މަގަށް ހުރަސްއެޅިފައިވާ ކަމަށެވެ.

އަދި ބަޔަކު އެކުވެރިކުރުމުގެ މައިގަނޑު އަސާސަކީ ހަމަހަމަ އުސޫލެއް ގެންގުޅުން ކަމަށާއި، ވަކި އަތަކަށް ޖެހިފައިވާ މީހަކު އައިސްގެން ޕާޓީގެ އެކުވެރިކަން ނުދެމެހެއްޓޭނެ ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. އެއްވެސް ބޭފުޅަކު ސިޔާސީ މަޤާމަކަށް ވަޑައިގަތުމަށް މަސައްކަތް ކުރެއްވުމަކީ މައްސަލައެއް ނޫންކަމަށް ވިދާޅުވަމުން، ފަޒްނާ ވަނީ އިންސާފުވެރިކަމާއެކު މަސައްކަތްކުރަންޖެހޭ މަޤާމަކަށް ވަކި އަތަކަށް ޖެހިފައިވާ މީހަކު ގެނައުމާ ދެކޮޅަށް ވާހަކަދައްކަވާފައެވެ.

މި އިންތިޚާބުގައި ފަޒްނާއާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ތާއީދުކުރައްވަނީ މީކާއީލް އަޙްމަދު ނަސީމަށެވެ. ފަޒްނާ ވިދާޅުވި ގޮތުގައި މީކާއީލަށް ތާއީދުކުރައްވަން ނިންމެވީ، ޒުވާން ޖީލަކާ ޕާޓީ ހިންގަން ހަވާލުކުރަން ޖެހޭކަމަށް ގަބޫލުކުރެއްވޭތީއާއި، އޭނާއަކީ "ޕްރިންސިޕަލް ސެންޓާރޑް ލީޑަޝިޕް" އަކަށް ވަކާލާތު ކުރައްވާ ބޭފުޅަކަށް ވާތީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.