ފެނަކަ ކޯޕަރޭޝަންގެ ޚަރަދުތައް ކުޑަކޮށް ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، އެ ކުންފުނީގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފުކުރުމަށްފަހު ހުށަހެޅުމަށް އަންގައިފިއެވެ.
އެ ކުންފުނީގެ އެތެރޭގެ މެމޯއެއް މެދުވެރިކޮށް އަންގާފައިވަނީ، އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން ހުރިހާ ޑިޕާޓްމަންޓުތަކާއި ބްރާންޗުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޕޮލިސް ރިޕޯޓް ހެޑް އޮފީހަށް ފޮނުވަން ޖެހޭނެ ކަމަށެވެ. މިއީ ކުންފުނީގެ އައު މެނޭޖްމަންޓުން މުވައްޒަފުންގެ އަދަދު މަދުކޮށް، ކުންފުނީގެ މާލީ ހާލަތު ރަނގަޅުކުރުމަށް ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ ފަރާތްތަކަށް ހަތަރު މަހުގެ މުސާރަ ދިނުމަށްފަހު ވަޒީފާއިން ވަކިވުމުގެ ފުރުސަތުވެސް ކުންފުނިން މިހާރު ވަނީ ހުޅުވާލާފައެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަފީފު ޙުސައިން ވިދާޅުވީ، މުޅި ރާއްޖެއަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކުންފުންޏަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އެހެންކަމުން، ހެޑް އޮފީހާއި އަތޮޅުތަކުގެ ބްރާންޗުތަކުގައި ތިބެންޖެހޭ މުވައްޒަފުންގެ ޢަދަދު ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އިޞްލާޙީ ބަދަލުތަކުގެ ދަށުން، ކަސްޓަމަރުންނަށް ޚިދުމަތްދޭ ނިސްބަތަށް ބަލައި ފެނަކައިގެ ބްރާންޗުތައް މިހާރު ވަނީ ހަތަރު ގިންތިއަކަށް ބަހާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ސިޓީތަކުގެ ބްރާންޗުތަކާއި، 1000 އަށްވުރެ ގިނަ ކަސްޓަމަރުންނަށް ޚިދުމަތްދޭ ބްރާންޗުތަކާއި، 500 އާއި 1000 އާ ދެމެދުގެ އަދި 300 އާއި 500 އާ ދެމެދުގެ ކަސްޓަމަރުން ތިބޭ ބްރާންޗުތަކެވެ. އަދި އެންމެ ކުޑަ ގިންތިއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 300 އަށްވުރެ މަދު ކަސްޓަމަރުންނަށް ޚިދުމަތްދޭ ބްރާންޗުތަކެވެ. މި ގިންތިތަކަށް ބިނާކޮށް، ކޮންމެ ބްރާންޗެއްގައިވެސް މުވައްޒަފުން ތިބެންޖެހޭނެ އެންމެ އެކަށީގެންވާ ޢަދަދު ކަނޑައެޅުމުގެ މަސައްކަތް ކުންފުނިން ދަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ