ތަރައްޤީގެ މަޝްރޫޢުތަކަށް ދިމާވި ހުރަސްތައް ނައްތާލެވިއްޖެ: ރައީސް

ތަރައްޤީގެ މަޝްރޫޢުތަކަށް ދިމާވި ހުރަސްތައް ނައްތާލެވިއްޖެ: ރައީސް

Author
އަހުމަދު
01 ޖޫން 2026 09:10
0

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ކުރިމަތިވި ދަތިތައް ޙައްލުކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ޢުމްރާނީ ތަރައްޤީއަށް ބޭނުންކުރާ އުޅަނދުފަހަރަށް ތެޔޮ ލިބުމުގައި ދިމާވި ދަތިތައް މިހާރު ޙައްލުކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، މަޑުޖެހިފައިވާ މަސައްކަތްތައް ކުރިއަށް އޮތް ތަނުގައި ވަރަށް ބޮޑަށް ހަލުވިވެގެންދާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫޢުތަކަށް އަލިއަޅުވާލައްވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، ގުޅީފަޅާއި ގިރާވަރުފަޅުގެ މަސައްކަތްތައް އެއްވެސް ހުއްޓުމެއްނެތި ރޭވިފައިވާ ގޮތަށް ދަނީ ކުރިއަށެވެ. އެގޮތުން އާރުޑީސީގެ އުޅަނދުތައް ބޭނުންކޮށްގެން ގުޅީފަޅުގެ މަސައްކަތްތައް ކުރިއަށްދާއިރު، އެތަނުން ގޯތި ދޫކުރުމުގެ ކަންކަންވެސް ހިނގަމުންދާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ރަސްމާލެ މަޝްރޫޢު ވަރަށް ބާރަށް ކުރިއަށްދާކަން ފާހަގަކުރައްވައި، އެ މަޝްރޫޢުގެ 60 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ތަރައްޤީގެ މި ބޮޑެތި މަޝްރޫޢުތައް ވީހާވެސް އަވަހަކަށް ނިންމައި ރައްޔިތުންނަށް އޭގެ މަންފާ ހޯދައިދިނުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތްކަން ރައީސް ޑރ. މުޢިއްޒު ވަނީ ތަކުރާރުކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.