މިއަހަރުގެ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ހޯމަ ދުވަހު ފެށުމަށްފަހު، އެއް ހަފްތާއަށް ވަނީ މެދުކަނޑާލާފައެވެ.
ހޯމަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި އޮތް ހަމައެކަނި ކަމަކީ ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް މެންބަރަކު އިންތިޚާބު ކުރުމެވެ. މި މަގާމަށް އިންތިޚާބުކޮށްފައިވަނީ ޕީއެންސީގެ ފަރާތުން އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމްއެވެ.
ވޯޓަށްފަހު، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އިޢުލާންކުރެއްވީ މަޖިލީހުގެ ދެން އޮންނަ ޖަލްސާއެއް އޮންނާނީ އަންނަ ހޯމަ ދުވަހު ކަމަށެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން، މި ދައުރުގެ ޖަލްސާތައް ފެށޭނީ ހޯމަ ދުވަހުއެވެ. އަދި އޮގަސްޓް 15 އާ ހަމައަށް ކުރިއަށް ދާނެއެވެ.
ގަވާއިދުގައިވާ ގޮތުން ކޮންމެ އަހަރެއްގެވެސް ފުރަތަމަ ދައުރު ކުރިއަށްދާނީ ފެބްރުއަރީ 1 އިން މެއި 15 އަށެވެ. ނަމަވެސް، މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވަކިކުރުމަށް ކުރެވުނު މަސައްކަތާ ގުޅިގެން މިއަހަރުގެ ފުރަތަމަ ދައުރު ވަނީ ފަސްކުރެވިފައެވެ.
އާދީއްތަ ދުވަހުގެ ޖަލްސާ ފެށުމުގެ ބައިގަޑިއިރު ކުރިން ނާޒިމް ވަނީ އިސްތިއުފާ ދެއްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ގަވާއިދުން ކުރިއަކަށް ނުދެއެވެ. އަދި ކޮމިޓީ ބައްދަލުވުންތައްވެސް އެންމެ އެކަށީގެންވާ ގޮތެއްގައި ބާއްވާފައެއް ނުވެއެވެ.
ސަރުކާރުގެ މެޖޯރިޓީ އޮންނަ މަޖިލިސް މެންބަރުންނަށް ބޮޑެތި މުސާރަތަކާއި ދައުލަތުން ދޭ ގިނަ އިނާޔަތްތަކެއް ލިބެއެވެ. މަޖިލީހުގެ އިދާރާ ހިންގުމަށް ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރެއެވެ. އެހެންނަމަވެސް، މެންބަރުންނަށް ލިބޭ މުސާރައާއި އިނާޔަތްތަކާ އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރާކަމުގެ ޝަކުވާ އާންމުންގެ ތެރޭގައި އަބަދުވެސް އޮވެއެވެ.
ކޮމެންޓު ފޮނުވާ