މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ކުރިމަތިވި ތެލުގެ ދަތިކަމާއެކު މަޑުޖެހުނު ބިން ހިއްކުމުގެ ބޮޑެތި މަޝްރޫޢުތަކުގެ މައްސަލަތައް ޙައްލުކޮށް، އެ މަސައްކަތްތައް އަލުން ފެށުމަށް ތައްޔާރުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރަސްމާލެ މަޝްރޫޢުގެ ދަށުން މިހާރު 60 އިންސައްތަ ބިން ހިއްކިފައިވާ ކަމަށެވެ. ނަމަވެސް މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ތެޔޯ ލިބުމުގައި ދިމާވި ދަތިތަކާ ގުޅިގެން މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، އެމްއޭސީއެލް އާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ކުރެވުނު މަޝްވަރާތަކަށްފަހު، އައު ޝެޑިއުލްއަކާއެކު ދާދި އަވަހަށް އަލުން މަސައްކަތް ފެށުމަށް މިހާރު ވަނީ އެއްބަސްވެވިފައެވެ.
މީގެ އިތުރުން، ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތަށް އައިސްފައިވާ މެދުކެނޑުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެއީ ހަމައެކަނި ތެލުގެ މައްސަލައަކާ ގުޅިގެން އައި މަޑުޖެހުމެއް ނޫން ކަމަށާއި، ބިން ހިއްކަން ގެންގުޅުނު ޑްރެޖަރު މަރާމާތުކުރުމަށްފަހު އަނެއްކާވެސް މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެކި ސަބަބުތަކާ ހުރެ ސަރުކާރުގެ ބޮޑެތި މަޝްރޫޢުތަކުގެ ދުވެއްޔަށް މަޑުޖެހުމެއް އައި ނަމަވެސް، މިހާރު އެ މައްސަލަތައް ޙައްލުކުރެވިފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މަސައްކަތްތައް ހަލުވިކޮށް، މަޑުޖެހުނުތަން ފޫބެދިގެންދާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ