އާބާދީގެ ނިސްބަތުން، އިންޑިއާއަކީ ދުނިޔޭގަ އޮތް އެންވެ ބޮޑު ޑިމޮކްރަސީކަމުގައި ބުނެވުނު ނަމަވެސް، ގައުމުގެ މުއްސަދިކަމުގެ ގޮތުންނާއި، އަސްކަރީ ގޮތުންނާ، އަދި ދުނިޔޭގައި އެގައުމުގެއްގެ ނުފޫޒު ފެތުރިފައި އޮތް ނިސްބަތަށް ބަލާއިރު، ދުނިޔޭގައި އޮތް އެންމެ ބޮޑު ޑިމޮކްރަސީއަކީ އެމެރިކާ ކަމުގައި ދެންނެވުމަކީ ކަމުގެ ހަގީގަތެވެ.
އަދި މީގެއިތުރުން، އެގައުމުގެ ރައީސްކަމުގެ މަގާމަށް ބޭފުޅަކު އިންތިޚާބުކުރުމުގައި ހަމަޖެހިފައި ހުރި އުސޫލުތަކުގައި، ފަހުގެ ރިޔާސީ ނިޒާމްތަކުގައި އެކަށައެޅިފައިހުރި އުސޫލުތަކާއި ބީރައްޓެހި ބައެއް ގޮތްތައް ހުރިކަމުގައި ވިނަމަވެސް، އެމެރިކާގައި ދަމަހައްޓަމުން އަންނަ، ވެރިކަމުގެ އުސޫލާ ގުޅުން ހުރި މުހިންމު ސަގާފަތުތަކެއްވެސް އެބަހުއްޓެވެ. އަދި ހަމަ އެއާއެކު، ވެރިކަމުގައި ހުންނަވާ ބޭފުޅެއްގެ އަތްމަށްޗަށް ގާނޫނު އަސާސީން ބޮޑެތި ބާރުތަކެއް ދީފައި ހުރި ނަމަވެސް، ދީފައިހުރި ބާރުތަކުގެ ތެރެއިންވެސް، އެމެރިކާގެ ޑިމޮކްރަސީގެ ވިސްނުމުގެ ތެރެއިން ހަޖަމް ނުކުރެވޭނެ ކިތަންމެ ކިތަންމެ ކަމެއް، ފަހަކަށް އައިސް އެމެރިކާގެ ސިޔާސީ މަސްރަހުގައި ހިގައިގެން ހިގައްޖެއެވެ.
އެހެންމަވެސް، ޑިމޮކްރަސީސްގެ އަސާސްތައް ކިތައްމެ ވަރުގަދަ ވެފައި، އަދި ހަރުދަނާ ކަމުގައިވި ނަމަވެސް، ގައުމުގެ ވަލިއްޔުލް އަމުރަކީ ޚުދުމުޚްތާރު ސިފަތަކެއް ވެރިއަކަށް، ވެގެން ހިގައްޖެނަމަ، ޑިމޮކްރަސީގެ ކިތަންމެ އަސާސަކަށް ގުޑުން އަރާ، އޭގެ ނޭދެވޭ އަސަރު އެގައުމެއްގެ ސުލްހަ މަސްލަހަތަށް ނުކޮށް ނުދާނޭކޭންވެސް، ނިއުޅެމުން ފޮރޮޅެމުންދާ އެމެރިކާގެ ޑިމޮކްރަސީން މިދަނީ ފެންނަމުންނެވެ.
ދައުރު ހަމަކުރައްވާ، މިމަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ރައީސްކަމާ ދުރަށް ވަަޑައިގަންނަވާ، ޑޮނަލްޑް ޓްރަމްޕް ވަޑައިގަންނަވަނީ، އެމެރިކާގެ ޑިމޮކްރަސީ ވަރަށް ގިނަ ގޮތްގޮތުން އިމްތިހާން ކޮށްދެއްވުމަށްފަހުގައެވެ.
ބައިން އަގުވާމީ މަސްރަހުގައި އެމެރިކާގެ ހަގީގީ މަގާމު ގެއްލުނު
އެމެރިކާ ޑިމޮކްރަސީގެ ބާރުތައް ދުނިޔޭގައި ދަމަހައްޓަނީ ގްލޯބަލް ޑިމޮކްރަސީގެ ތެރެއިން ވަރަށް ގިނަ ގައުމުތަކެއް އެއްގަލަކަށް އަރުވައިގެން، އެމެރިކާ ބޭނުންވާ ކަންކަމުގައި ކާމިޔާބު ހާސިލް ކުުރުމަށް އެގައުމުތުގެ ބަސް އިއްވައިގެންވެވެ.
މީގެ ވަރަށް ގިނަ މިސާލުތައް، މާދުރުނޫން ޒަމާންތަކަށް ނަޒަރު ހިންގާލުމުން ވަރަށް ގިނައިން ފެންނާން އެބަހުއްޓެވެ. ފާއިތުވެދިޔަ ކައިރި މާޒީތަކުގައިވެސް، ސީދާ އެމެރިކާގެ މަސްލަހަތާ ގުޅުންހުރި، ބައިނަލް އަގުވާމީ ބޮޑެތި މައްސަލަތަކުގެ ތެރެއަށް އެމެރިކާދިޔައީ، ގިނަ ގައުމުތަކެއް އެއްގަލަކަށް އަރުވައިގެން، އެގައުމުތަކާ އެކީގައެވެ.
މިސާލެއްގެ ގޮތުން މިހާތަނަށް އެމެރިކާ އިސްވެއޮވެ ކުރި އެެންމެ ބޮޑެތި ހަގުރާމަތައް ކަމުގައިވާ، 1990 ވަނަ އަހަރު އޭރުގެ އިރާގުގެ ރައީސް ސައްދާމް ހުސެއިންގެ ބާރުތަކުން ކުވައިތަށް އަރާ އެގައުމު ހިފުމާގުޅިގެން، ކުވައިތު މިނިވަންކުރުމަށް، ޖޯޖް ބުޝްގެ ވެރިކަމުގައި، އެމެރިކާ އިސްވެ އޮވެގެން ކުރި ހަގުރާމާގައި ދުނިޔޭގެ 35 ގައުމަކުން އެމެރިކާއަށް އެއްބާރުލުންދީ އަމަލީގޮތުން ހަގުރާމައަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
އޭގެ 13 އަހަރުފަހުން، ޖޯޖު ބުޝްގެ ދަރިކަލުން، ޖޯގް ޑަބްލިއު ބުޝްގެ ވެރިކަމުގައި، އިރާގުގެ ރައީސް ސައްދާމް ހުސެއިންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކުރެވުނު ހަގުރާމާއަކީ، ހަމައެކަނި އެމެރިކާގެ މަސްލަހަތާ އެތައްގޮތަކުން ގުޅިލާމެހިފައިވާ ހަގުރާމައަކަށް ވާއިރުވެސް، މިހަގުރާމައާ އެމެރިކާ ކުރިމަތިލީ، އަމަލީގޮތުން ހަގުރާމައަށް ތާއީދުކުރި 4 ގައުމަކާ އެކީގައިނަމަވެސް، ކޯލިޝަނެއް ހަދައިގެންނެވެ. އަމަލީގޮތުން މިހަގުރާމާގައި، އެމެރިކާއާ ބައިވެރި ވެފައިވަނީ، އިގިރޭސިވލާތާ، އޮސްޓްރޭލިއާ އަދި ޑެންމާކުގެ އިތުރުން ޕޮލޭންޑުންނެވެ.
މީގެ އިތުރުންވެސް، 2011 ވަނަ އަހަރު، އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް އަލްގައިދާއިން ދިން ބޮމުގެ ހަމަލާއަށްފަހު، އެގައުމުން އަފްއާނިސްތާނަށް އަރާ އެގައުމު ހިފުމަށް ކުރި ބޮޑު ހަގުރާމައާވެސް އެމެރިކާ ކުރިމަތިލީ، ދުނިޔޭގެ އެތައް ގައުމަކާއެކީ އުފެއްދި ކޯލިޝަންއަކާ އެކީގައެވެ. މީކޯލިޝަންގައި އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވަނީ، ޔުރަޕްގެ އިއްތިހާދުގެ އަސްކަރީ ފިޔަ ކަމުގައިވާ ނޭޓޯއިންނެވެ.
އެހެންކަމުން، އެމެރިކާގެ ޑިމޮކްރަސީގެ ބާރު އެގައުމުން ދުނިޔޭގައި މިހާތަނަށް ދަމަހައްޓަމުން އައިސްފައިވަނީ، ދުނިޔޭގެ އެހެން ގައުމުތަކަށް އެގައުމުން ފޯރުކޮށްދޭ އެހީތެރިކަމުގެ ބަަދަލެއްގެ ގޮތުން، އެމެރިކާއިން ހާސިލް ކުރަން ބޭނުންވާ ކަންކަން ހާސިލް ކުރުމަށް ކޯލިޝަންތައް އެކުލަވާލައިގެންނެވެ.
ޓްރަމްޕްގެ ދައުރުގައި ވީ ކިހިނެއް؟
ނިމިގެންދާ ޓްރަމްޕްގެ ދައުރު ފެނިގެންދިޔައީ، އެތައް ޒަމާނެއް ވަންދެން، އެމެރިކާއިން މުޅި ދުނިޔެއަށް ހަންފެތުރުމަށް ބޭނުންކުރި، މިސިޔާސަތުތައް މުގުރާލި 4 އަހަރުގެ ގޮތުގައެވެ.
އުތުރުކޮރެއާ
ޒަމާނުއްސުރެ އެމެރިކާއާއި ހަތުރުވެރި ގައުމެއް ކަމުގައި ދެމިއޮތް، އުތުރުކޮރެއާގެ ރައީސް ކިމް ޖޮންގ އުންގއާ ޓްރަމްޕް ބައްދަލު ކުރެވި ކުރެއްވުމަކީވެސް، ދުނިޔޭގެ ގައުމުތަކުގައި ވެރިކަން ކުރަމުންދާ ޑިކްޓޭޓަރުންނާ މަޝްވަރާކޮށް، ކުރިޔަށް ދިއުމުގެ ސިޔާސަތު ބަލައި ނުގަތުމަށް ޒަމާނުއްސުރެ އެމެރިކާގެ ޑިމޮކްރަސީގެ ތެރޭގައި އޮތް އުސޫލު މުގުރާލައި، ދުނިޔޭގެ މަސްރަހުގައި އެމެރިކާގެ ތަސައްވުރު ހުތުރުކޮށްލި ކަމެއްގެ ގޮތުގައިވެސް ފާހަގަ ވެގެންދިޔައެވެ. އަދި، ޓްރަމްޕްގެ މިބައްދަލުވުންތައް، ކިމް ޖޮން އުންގގެ އަނިޔާވެރިކަމަށް ދިން ރުހުމެއްގެ ގޮތުގައި އެތައް ބަޔަކު ސިފަކުރި އިރު، ފަހުން މި ބައްދަލުވުންތަކުން ނުކުތް އެއްވެސް އެދެވޭ ނަތީޖާއެއް ފެނިގެން ނުދިއުމުން، މިކަންކަން ސިފަކުރެވިގެން ދިޔައީ، އެއްވެސް ސަިޔާސަތުތަކެއް ކުރިޔަށް ރޭއްވެވުމެއް ނެތި، އެމެރިކާގެ ރައީސް އެޅުއްވި ފިޔަވަޅުތަކެއް ގޮތުގައެވެ. އުތުރުކޮރެއާއިން މިހާރު ވަނީ އަލުން އެގައުމުގެ ނިއުކްލިއަރ ހަތިޔާރުގެ ޕްރޮގްރާމް ކުރިޔަށްވުރެ ބާރަށް ކުރިޔަށް ގެންދިއުމުގެ މަސައްކަތް ފަށާފައެވެ.
ޗައިނާ
މީގެ އިތުރުން، ޗައިނާއާއި ދެކޮޅަށް ޓަރަމްޕް ގެންގުޅުއްވަމުން އައި ސިޔާސަތުގެ ނަތީޖާއެއްގެ ގޮތުން، ޗައިނާ ބަލިކަށިވެގެން ދިއުމުގެ ބަދަލުގައި، އެގައުމު ބައިނަލް އަގުވާމީގޮތުން ވަރުގަދަ ވަމުން ދިޔަ މަންޒަރު ފެނިގެންގޮސްފައިވާ ކަމަށްވެސް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން މިއަދު ދަނީ ބުނަމުންނެވެ.
މިގޮތުން، އެމެރިކާއިން ބައެއް ގައުމުތަކާއި ދެކޮޅަށް އަޅާ ފިޔަވަޅުތަކުން ރެކިގަތުމަށް، އެގައުމުތަކުން ފާއިތުވެދިޔަ 4 އަހަރުގެ ތެރޭގައި ޗައިނާގެ އިގުތިސާދަކީ ވަސީލަތަކަށް ހަދާފައި ވެއެވެ. މީގެ އެއް މިސާލަކީ އުުތުރުކޮރެއާއެވެ. ޔޫއެން މެދުވެރިކޮށް އުތުރުކޮރެއާއާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ އެތަކެއް ފިޔަވަޅުތަކެއް އަޅާފައިވާއިރު، އުތުރުކޮރެއާގެ މުޅި އިގްތިސާދުގެ ދިރުމަކަށް ވެގެން ގޮސްފައިވަނީ ޗައިނާއެވެ. އަދި މިނޫނަސް، އެމެރިކާގެ ސަބަބުން އިގްތިސާދުތަކަށް ހީނަރުކަން ލިބިފައި އެތައްގައުމަކުން ދަނީ، ޗައިނާގެ ކުންފުނިތަކުން ވިޔަފާރިކޮށް، އެގައުމުތަކުގެ އިގްތިސާދުތައް މަރުވެގެންދިޔަ ނުދީ ހިފަހަގައްޓަމުންނެވެ. ނަތީޖާއެއްގެ ގޮތުން، ބައިނަލް އަގުވާމީ މަސްރަހުގައި ބަސްބުނުމުގައި އެގައުމަށް އޮންނަ ބާރު ޗައިނާއިން ގަދަ ކުރަމުން އައިތަން ފާއިތުވެދިޔަ މާޒީގައިވަނީ ފެނިގެން ގޮސްފައެވެ.
އީރާން
އެތައް ބުރަ މަސައްކަތަކަށްފަހު، ދުނިޔޭގެ މުއްސަދި 7 ގައުމެއް އެއްގަލަކަށް އަރުވާ، އިރާނަށް ނިއުކްލިއަރ ހަތިޔާރާ ހަމައަށް ވާސިލްވިޔަ ނުދިނުމަށްޓަކާ 2015 ވަނަ އަހަރު އެކުލަވާލި ނިއުކްލިއަރ އެއްބަސްވުން (ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން – JCPOA) އިން 2018 ވަނަ އަހަރު ޓްރަމްޕް އެމެރިކާ ބޭރުކުރީ، މިއެއްބަސް އުވާނުލުމަށް ދުނިޔޭގެ އެތައްގައުމަކުން އެމެރިކާއަށް އިލްތިމާސް ކުރަމުން ދަނިކޮށެވެ.
ނަތީޖާއެއްގެ ގޮތުން، ޒަމާނުއްސުރެ އެމެރިކާއާ ގާތް ގުޅުމެއް ބާއްވަމުން އައި ޔޫރަޕްގެ އެތައް ގައުމަކާ އެމެރިކާއާ ގުޅުން ގޯސްވެ ފާޑުކިއުން އަމާޒު ވެގެން ދިޔައެވެ. އަދި މީގެއިތުރުން، މިއެއްބަސްވުމުން ވަކިވެ، އެމެރިކާއިން އީރާނާ ދެކޮޅަށް އިތުރަށް ހަރުކަށި ފިޔަވަޅުތަކެއް އެޅި ކަމުގައިވި ނަމަވެސް، މިއެއްބަސްވުން އުވާލުން ހުއްޖަތަކަށް ދައްކާ، އިރާނުން އަލުން ޔޫރޭނިއަމް މުއްސަދިކުރަން ފަށާ، އަދި އެގައުމުގެ މިސައިލް ޕްރޮގްރާމް އިތުރު ހަރުފަތަކަށް ކުރިޔަށް ޖެއްސިއެވެ.
އިރާނާއެކީ ފެށުނީއްސުރެ އެމެރިކާއިން ގެންގުޅެމުން އައިސްފައިވަނީ، ކުރިމަތިލުމުގެ ސިޔާސަތެކެވެ. މިސިޔާސަތަކީ 1978 ވަނަ އަހަރު އިރާނަށް ގެނެވުނު އިސްލާމީ އިގިލާބަށްފަހު، އެމެރިކާގެ ވެރިކަން ކުރި ހުރިހާ ރައީސުން ކަހަލަ ގޮތަކަށްވެސް ދަމަހައްޓަމުން އައި ސިޔާސަތެކެވެ. އެހެންނަމަވެސް، މިސިޔާސަތު އެގައުމުން ދަމަހައްޓާފައިވަނީ، ގަލްފުގެ ބައެއް ގައުމުތަކާއެކީ ދަމަހައްޓަމުން އައި ގުޅުންތައް އިތުރަށް ބަދަހި ކުރަމުންނެވެ. އަދި އެމެރިކާއަކީ، ގައުމުތައް އަޅުވެތިކޮށް، އިންސާނިއްޔަތާ ޚިލާފު އަމަލްތައް ހިންގާ ގައުމުގެއް ގޮތުގައި ލޭބަލް ވިޔަނުދީ، އެގައުމުން ކުރާ ހަގުރާމަތަކަށް ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ރުހުން ހޯދައިގެންވެސްމެއެވެ.
އެހެންނަމަވެސް، 2 ވަނަ ގަލްފު ހަގުރާމައަށްފަހު، އިރާގުގައި އެމެރިކާގެ ސިފައިން ދާއިމީ ގޮތެއްދެމި ތިބެމުން އައިއައުމަށް އެންމެބޮޑު ގޮންޖެހުންތަކެއް ކުރުމަތި ވެފައިވަނީވެސް، ޓްރަމްޕްގެ ވެރިކަމުގައެވެ. އަދި މެދުއިރުމަތީގެ މަސްރަހު ދިރާސާ ކުރައްވާ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، އިރާނާމެދު ޓްރަމްޕް ގެންގުޅުއްވި ހަރުކަށި ސިޔާސަތު ފެއިލްވެގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، އެމެރިކާގެ އަސްކަރީ ސިފައިން މިހާރުވެސް އެގައުމެއްގައި ތިބި އިރާގުން، އިރާނާ އެކީ ދަމަހައްޓަމުން އައި ގުޅުން އިތުރަށް ބަދަހިވެ، އިރާގުން އެމެރިކާގެ ސިފައިން އެކީއެކަށް ފޭބުމަށް އިރާގުގެ ސިޔާސީ ހުރިހާ ޖަމާއަތަކުން ކަހަލަ ގޮތަކަށް ގޮވާލަން ފަށާފައިވަނީ، އިރާނުގެ އިސް ޖެނެރަލް ގައްސާމް ސުލައިމާނީ، ޓްރަމްޕްގެ އަމުރަށް ދާދިފަހުން އަވަހާރަ ކޮށްލެވުމާއެކުއެވެ.
ސުލައިމާނީ އަވަހާރަށް ކޮށްލާފައިވަނީ އޭނާގެ އަމުރަށްކަމަށް ޓްރަމްޕް އަމިއްލައަށް ވިދާޅުވެފައިވާއިރު، އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރިމާތައް ބެލުމަށް ޔޫން އިން ކަޑައަޅާފައި ހުންނަ ޙާއްސަ މަންދޫބު ކޮލަމާޑް ވިދާޅުވެފައިވަނީ، މިހަމަލާއަކީ، އިންސާނިއްޔަތާ ޚިލާފް ޖަރީމާއެއްގެ ގޮތުގައި ކަޑައެޅުމުގެ ހުރިހާ ޝަރުތެއްއް ފުރިހަމަވާ ހަމަލާއެއްކަމުގައެވެ.
މިހަމަލާގެ ނަތީޖާއެއްގެ ގޮތުން، އިރާނަށް ދުނިޔޭގެ އެތައް ގައުމެއްގެ ހަމްދަރުދީ އަމާޒުވެގެން ދިޔައިރު، އެމެރިކާގެ ކިބައިން ހައްގު ގޮތުގައި ބަދަލް ހިފުމުގެ އެތައް ދޮރެއް އިރާނަށް ވަނީ ހުޅުވިގެން ގޮސްފައެވެ. އަދި މީގެއިތުރުން، ގައުމުން ބޭރުގައި ހަރަކާތްތެރިވާ އެތަކެއް ޖަމާއަތަކާ ގުޅިގެން އަސްކަރީ އެތަކެއް ހަރަކާތްތަކެއް ހިންގުމަށްވެސް އިރާނަށް އެތައްގޮތަކުން މަގުފަހިވެގެން ގޮސްފައިވާކަމަށްވެސް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ޑިމޮކްރަސީގެ އެތަކެއް ސިފަތަކެއް ޓްރަމްޕް ބަދަލު ކޮށްލި
އެމެރިކާއަކީ ޒަމާނުއްސުރެ، އެގައުމުގެ ޑިމޮކްރަސީއަށް ޚާއްސަ ސިފަތަކެއް ބަލައިގެންފައިވާ ގައުމުކެވެ. މީގެތެރޭގައި، ސުލްހަވެރިކަމާއެކު ދައުރު ބަދަލުވުމާއި، ސުލްހަވެރިކަމާއެކު ކުރެވޭ ކެންޕޭންތަކާއި، އަދި ރިޔާސީ އިންތިޚާބުގެ ކުރިން ޕްރައިމަރީގެ ވާދަވެރިކަމުގެ ތެރެއިންވެސް ހިފަހައްޓަމުންދާ ބައެއް އުސޫލުތައްވެސް ހިމެއެވެ.
އެހެންނަމަވެސް، ޓަރަމްޕް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ކުރެއްވި ޕްރައިމަރީ ކެމްޕޭންގެ ތެރޭގައި، ޓްރަމްޕްގެ ކިބައިން ފެނިގެންދިޔަ އަމަލްތަކުން، އޭރު އެރޭހުގައި ވާދަކުރި ބައެއް ކެޑިޑޭޓުން ވަނީ، ޓަރަމްޕަކީ އެމެރިކާގެ "ހަލާކު"ގެ ގޮތުގައި ސިފަކޮށްފައި ވެއެވެ.
ފާއިތުވެދިޔަ ދައުރުތަކުގައި، އެމެރިކާގެ ރައީސްކަމަށް ވަޑައިގެންނެވި ބޭފުޅުން، ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު، ޕްރައިމަރީގެތެރޭގައި އޮތް ދެކޮޅުވެރިކަން ދޫކުރައްވާ، ކުރީގެ ސިޔާސީ ވާދަވެރިންނާ ޑިޕްލޮމަސިގެ ގުޅުން ގާއިމްކުރައްވައެވެ. އެެހެންނަމަވެސް، ޓްރަމަޕް ފެނިގެންދިޔައީ އެތައް ޒަމާނެއްވަންދެން އެމެރިކާގެ ވެރިންގެ ފަރާތުން ފެނިގެންދިޔަ މިސިފަތާ ދިމާއިދިކޮޅު ބޭފުޅެއްގެ ގޮތުގައެވެ.
ރިޔާސީ އިންތިޚާބުގައި ޓަރްމަޕާ ވާދަކުރި ހިލަރީ ކްލިންޓަނާދެކޮޅަށް ޕްރައިމަރީގައި ދެމެހެއްޓި ސިޔާސަތު އޭނާވަނީ މުޅި ދައުރުގައިވެސް ދަމަހައްޓާފައެވެ. އަދި ޓަރްމްޕެގެ ބަސްމަގަށްވެސް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
ނަތީޖާއެއްގެ ގޮތުން، ޓަރަމްޕްގެ މުޅި ދައުރުގައިވެސް، ސިޔާސީ ގޮތުން ވާދަވެރި ފަރާތްތަކާ އޭނާއާ ދެމެދު އޮތް ދެކޮޅުވެރިކަން ދިޔައީ އެއްދުވަހަށްވުރެ އަނެއް ދުވަހަކަށް ބޮޑުވެ ފުޅާވަމުނެވެ.
ދައުރު ބަދަލުވުން
އެމެރިކާގެ ރިޔާސީ ނިޒާމުގައި އޮތް އެންމެ ވަރުގަދަ އެއް ސިަފއެއްގެ ގޮތުގައި ގިނަބަޔަކު ގަބޫލުކުރަމުން އައި އެއްސިފައަކީ، ސުލްހަވެރި ކަމާއެކު، ދައުރު ބަދަލުވުމުގެ ސަގާފަތެވެ. ކިތަންމެ ވާދަވެރި އިންތިޚާބެއްގައި ވާދަކުރި ކަމުގައިވިނަމަވެސް، އިންތިޚާބުން ބަލިވާ ކެނޑިޑޭޓަކު ބަލިގަބޫލުކޮށް، ސުލްހަވެރި އިންތިގާލީ މަރުހަލާއަކަށް ފުރުސަތު ދެއްވުމަކީ، އެމެރިކާގެ ޑިމޮކްރަސީގެ އެންމެ މުހިއްމު އެއްތަބުގެ ގޮތުގައި މިހާތަނަށް ވަނީ ފާހަގަ ވެގެން ގޮސްފައެވެ.
ކޮންމެ ވާދަވެރި އިންތިޚާބަކަށްފަހުވެސް، ބަލި ގަބޫލު ނުކުރެެވުން އެއީ ތަބީއީ ކަމަކަށްވި ނަމަވެސް، ފާއިތުވެދިޔަ ތަނުގައި ރިޔާސީ އިންތިޚާބުތަކުގައި މިގޮތަށް ދިމާވެފައިހުރި ހާލަތްތަކުގައި، ވާދަވެރި ކެނޑިޑޭޓުން ވަނީ އެމެރިކާގައި ސުލްހަވެރި ހައްލުތައް ހޯދާފައެވެ.
2،000 ވަނަ އަހަރު އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްއާ އަދި ކުރީގެ ނާއިބު ރައީސް އަލްގޯ ވާދަކުރައްވާ، އެހެންނަމަވެސް އިންތިޚާބުގެ ނަތީޖާއާ ގުޅޭގޮތުން އުފެދުނު ބޮޑެތި ޚިޔާލު ތަފާތުވުންތަކެއްގެ ނަތީޖާއެއްގެ ގޮތުން މައްސަލަ އެމެރިކާގެ ސުޕްރީމް ކޯޓާ ހަމައަށް ދިޔައެވެ. އެހެންނަމަވެސް، ސުޕްރީމް ކޯޓުގެ ނިންމުމާއެކު އިންތިޚާބުގެ މައްސަލަ ހައްލުވެ، އިންތިޚާބުން ނާކާމިޔާބުވި އަލްގޯ ބަލި ގަބޫލު ކުރައްވާ ޖޯޖް ޑަބްލިއު ބުޝައަށް މަރުހަބާ ވިދާޅުވިއެވެ.
އެހެންނަމަވެސް ޓްރަމްޕް ފެނިގެންދިޔައީ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް، ހެދިފައިހުރި ގާނޫނުތަކަށްވެސް ގޮންޖަހާ، ނަތީޖާ ގަބޫލުނުކޮށް، ވެރިކަމުގައި ދެމިހުންނަވަން މަސައްކަތް ކުރެއްވި ވެރިއެއްގެ ވޮތުގައެވެ.
ޓްރަމްޕް މުޅިން ތަފާތު
މުޅި ދައުރުގައިވެސް، ހަލަބޮލިކަމާ، ދެކޮޅު ހެދުންތަކާ، ގޮތްދޫ ނުކުރުމުގެ ސިޔާސަތު ކުރިޔަށް ނެރުއްވަމުން އައި ޓްރަމްޕް އެންމެފަހުން ކުރިމަތި ލެއްވީ، އެމެރިކާއިން އެތަކެއް ޒަމާންތަކެއްވަންދެން ދަމަހައްޓަމުންއައި، ވެރިކަން ނަގުލުކުރުމުގެ ސުލްހަވެރި ސަގާފަތާއި ކުޅެ، ކާމިޔާބު ހޯއްދެވުމަށެވެ.
ނަތީޖާއެއްގެ ގޮތުން، އިންތިޚާބުގެ މާކުރިއްސުރެ ޓްރަމްޕް ދައުވާ ކުރަމުން އައިސްފައިވަނީ އިންތިޚާބުގައި އޮޅުވާލާނެކަމުގައި ވިދާޅުވެއެވެ. އަދި އެންމެ ފަހުން އިންތިޚާބު ނިމި އިލެކްޓޯރަލް ވޯޓުން ޖޯ ބައިޑްންއަށް ކާމިޔާބު ލިބުނުކަން ޔަގީންވެ ދިއުމަށްފަހުވެސް ޓްރަމްޕް ކުރިމަތި ލެއްވީ، އިންތިޚާބުގެ ތަނީޖާއާއި ގުޅޭ ހުރިހާ ގަބޫލުކުރުންތައް އެކޮޅުކޮޅުން ޖަހާ، ތަސައްވުރު ބަދަލު ކުރުމަށެވެ. ކޯޓުތަކުގެ ނިންމުންތައްވެސް ގަބޫލެއް ނުކުރެއްވިއެވެ.
އެންމެފަހުން ކުރިމަތި ލެއްވީ ގާނޫނުހަދާ މަޖިލީހުން ބައިޑްންގެ އިލެކްޓޯރަލް ނަތީޖާއަށް ރުހުން ދިނުން ހުއްޓުވުމަށެވެ. ބާރުގެ ބޭނުން ކޮށްގެން، ތާއީދުކުރާ މީހުން މަގުމައްޗަށް ނެރެގެންނެވެ.
އެހެންނަނަމަވެސް، އެމެރިކާގެ ޑިމޮކްރަސީގެ އެތައް ސަގާފަތެއް މުގުރަމުން، ފޫއަޅުވަމުން، އަދި ގޮތް ދޫނުކުރުން ދަމަހައްޓަމުން އައި ޓަރަމްޕަށް ހަގީގަތުގައި ހޭވެރިކަމެއްވީ، އޭނާ ދެއްކެވި ހިތްވަރުން ހިތްވަރު ލިބި، އޭނާގެ ސަޕޯޓަރުން އެމެރިކާގެ ވެރިކަމުގެ އެއްބާރު ކަމުގައިވާ ކެޕްޓަލް ހިލްއަށް ވަދެގަނެ، އެތަނަށް ހަމާދީ، އެމެރިކާގެ ޑިމޮކްރަސީ ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓިގެން ދިޔަ ހިސާބުންނެވެ.
އެހާތަނަށް އާދެވުމުން، ފުދޭވަރަށްވުރެ މާގިނައިންވެސް ގޯސް ހެއްދެވިއްޖެކަން، ޓަރަމްޕަށް އިހުސާސް ކުރެވިގެންދިޔަ ކަހަލައެވެ. ބަލި ގަބޫލުކުރައްވާ ވެރިކަން ސުލްހަވެރިކަމާއެކު ބަދަލު ވެދިއުމަށް ފުރުސަތު ދެއްވާނެ ކަމަށް ޓަރަމްޕް ވިދާޅުވިއިރު، އެންމެ ގާތްއެކުވެރިންވެސް ޓްރަމަޕް ދޫކޮށް ދުރަށް ވަޑައިގެންފިއެވެ. ކެބިނެޓްގެ އެތައް ވަޒީރުންނެއް އިސްތިއުފާ ދެއްވައިފިއެވެ. އެމެރިކާގެ މަދުން ނޫނީ ނުހިގާނެ ކަމެއްގެ ގޮތުގައި ބެލެވިފައިވާ، އެގައުމުގެ ބާރުގަދަ އަސްކަރިއާޔާވެސް ކޮމާންޑަރ އިން ޗީފްއާ ދެކޮޅަށް ބަސް ބުނެފިއެވެ.
ވެރިކަމުން ދުރަށް ވަޑައިގަތުމުގެ އެންމެ 8 ދުވަސްކުރިން، އެމެރިކާގެ ހައުސް އޮފް ރެޕްރެސެންޓޭޓިވްސްއިން މިވަނީ ދެވަނަފަހަރަށް ޓްރަމްޕް އިމްޕީޗް ކޮށްފައެވެ. އެމެރިކާގެ ޑިމޮކްރަސީގެ 200 އަހަރުވީ ދިގު ތާރީޚުގައި، ދެފަހަރަށް އިމްޕީޗްކުރި ހަމައެކަނި ރައީސްކަމުގައި ޓްރަމްޕް މިވަނީ ވެގެން ގޮސްފައެވެ.