ސަރުކާރުގައި އެކި ވުޒާރާތަކުގައާއި، އެކި މަޤާމުތައް ފުރުއްވާފައިވާއިރު، ދައުލަތުގެ ކިތަންމެ ކުޑަ މުދަލެއްގައިވެސް ޖެހިފައި ނުވާނެކަމަށާއި، އެހެންކަމަށްވާއިރު، ސިޓީއެއް ވަގައްނަގައި އެ ހާމަކުރަންޖެހޭ ސަބަބެއް ނެތްކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ދަރުމަވަންތަ ހޮސްޕިޓަލް ރަހުނެއްގެ ގޮތުގައި ބަހައްޓަން ފިނޭންސް މިނިސްޓްރީގެ ދަށަށް އެ އިމާރާތް ރަޖިސްޓްރީ ކުރަން އެދިވަޑައިގެން އެ މިނިސްޓްރީއިން ރައީސް އޮފީހަށް ފޮނުވާފައިވާ ސިޓީ ލީކުވި މައްސަލާގައި ފުލުހުން ކުރާ ތަހުގީގަށް މިއަދު ފުލުސް އޮފީހަށް ހާޒިރުވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ މިމައްސަލަ ތަހުގީގީ މައްސަލައަކަށް ބަދަލުވެފައިވާކަން އެގުނީވެސް މިއަދު ހާޒިރު ކުރުމުންކަމަށެވެ. މައްސަލާގައި ވަކީލެއްގެ އެހީބޭނުންތޯ އެހުމުން މިވަރުގެ މައްސަލައެެއްގައި ވަކީލަކު ބޭނުން ނުވާކަމަށް ވިދާޅުވެފައިވާނެކަމަށް މުންދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއީ ޤާނޫނު އަސާސީއާއި، ޤާނޫނުތަކުގެ ތެރެއިން މިއަދު ފުލުހުންނަށް ތަހުގީގު ކުރެވޭނެ މައްސަލައެއްކަމަށްވެސް ނުދޭކަމަށެވެ. މިސަރުކާރުން ވެރިކަމަށް އައިސް ވިސިލްބްލޯގެ ޤާނޫނާއި، މައުލޫމާތު ހާމަކުރުމުގެ ޤާނޫނީ ބާރުވެރިކަން ދިނުމަށްފަހު ޤާނޫނާއި ދެކޮޅަށް ކުރާ މަސައްކަތަކީ ވަޒީރަށް ސާފުވާންޖެހޭ ކަންތައްތަކެއްކަމަށް މުންދު ވިދާޅުވިއެވެ.
މިއަދު އަޅުގަނޑާއި ސުވާލު ކުރުމުންވެސް އަޅުގަނޑު ދެންނެވިން ޤާނޫނީ ވަކީލެއް އަޅުގަނޑު ބޭނުމެއްނެތޭ. އެއީ މިކަމާއި ގުޅިގެން އެގެންޖެހޭ މައުލޫމާތާއި ޤާނޫނު އަސާސީގެ މާއްދާތަކަށް އަޅުގަނޑު ފަރިތައޭ. އެހެން ވީމަ އަޅުގަނޑަށް ޔަގީންކަން އެބައޮތޭ އަޅުގަނޑުގެ އަމިއްލަ ނަފްސާއިމެދު. އެއްކަމަށް ސަރުކާރުގެ އިދާރާއަކުން އެއްވެސް އެއްޗެއް، ގަލަމެއް ވިޔަސް އަޅުގަނޑު ނޯންނާނެ ވަގަށް ނަގާފަ. އެހެންކަމުން އެތަނުން ސިޓީއެއް ނަގަންޖެހޭ ހާލަތެއް ނާންނާނެ.
– މުންދު ވިދާޅުވިއެވެ.
ކޮންމެ ގޮތަކަށް އެ ސިޓީ ލީކުވެފައިވީ ނަމަވެސް ގާނޫނު އަސާސީއާއި މިހާރު އަމަލު ކުރަމުންދާ ގާނޫނުތަކުގެ ދަށުން އެ މައްސަލަ ނުބެލޭނެ ކަމަށް މުންދު ވިދާޅުވިއެވެ. އަދި ކުރައްވާ ޓްވީޓެއް ނޫނީ މީސް މީޑިއާގެ ޕޯސްޓަކާ ގުޅިގެން ފުލުހުންގެ އިދާރާއަށް ހާޒިރު ނުކުރާނެ ކަމަށް ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންފައިވާ ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ދައުލަތަށް ބޭނުންވާ ފައިސާ ހޯދަން ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރަނީ
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ސޮއިކޮށް ރައީސް ޞާލިހުއަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކެއް އިޝޫ ކުރުމަށް ބޭނުންވާ އެސެޓް (ދަރުމަވަންތަ ހޮސްޕިޓަލް) މިނިސްޓްރީ އޮފް ފިނޭންސް އަށް ރަޖިސްޓްރީ ކުރުމާއި ބެހޭ
ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބައިނަލް އަޤުވާމީ މާލީ ބާޒާރަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމުގެ މަސައްކަތް އިސްލާމިކް ކޯޕަރޭޝަން ފޮރ ދި ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓަރ (އައި.ސީ.ޑީ) އާއި އެކު މަަޝްވަރާ ކުރަމުންދާކަމަށެވެ.
އިސްލާމީ ޝަރީއާގެ ހަމަތަކުގެ މަތިން މި ސުކޫކު ވިއްކުމަށް 100 އިންސައްތަ ސަރުކާރު ހިއްސާވާ ސްޕެޝަލް ޕަރޕަސް ވެސަލް (އެސް.ޕީ.ވީ) އެއް ހެދުމަށްފަހު ސުކޫކުގެ 51 އިންސައްތަ އަށްވުރެ މަތިން އަގުކުރެވޭ އެސެޓެއްގެ ބެނެފިޝަލް އޯނަރޝިޕް މި އެސް.ޕީ.ވީ އަށް ޓްރާސްފަރ ކުރަން ޖެހެއެވެ. މި ވަގުތު ސަރުކާރުގެ ހުރި އެސެޓްތައް ބެލުމަށްފަހު މިކަމަށް އެންމެ އެކަށީގެންވާ އެސެޓަކީ ދަރުމަވަންތަ ހޮސްޕިޓަލް ކަމުން، ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ކުރުމަށް ވަނީ ނިންމާފައިކަމަށެވެ.
ދަރުމަވަންތަ ހޮސްޕިޓަލަަކީ ރައީސް ޔާމީންގެ ސަރުކާރުން ހިންގަވާފައިވާ ބޮޑު ކޮރަޕްޝަނެއްކަަމަށް ވިދާޅުވެ ރައީސް ޞާލިހުއާއި، މިސަރުކަރުގެ އިސްބޭފުޅުން އެތަކެއް ފޯރަމެއްގައި ވާހަކަ ދައްކަވާފައިވާ އިމާރާތެކެވެ.
ކޮމެންޓު ފޮނުވާ