މާފުށީ ޖަލުގައި ބަންދުކޮށްފައި ތިބި "އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނަސީރު ވަކި ގޮޅިތަކަކަށް ބަދަލުކުރީ، އެ މީހުން ތިބި ގޮޅިން މޮބައިލް ފޯނެއް ފެނުމާ ގުޅިގެން ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ޖަލުން މިނިވަންވުމަށްފަހު ޝަހުޒާން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އޭނާއާއި ލީވާން އެކަހެރިކޮށް ދެ ގޮޅިއަކަށް ބަދަލުކުރީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ކަމަށެވެ. އަދި ކޮންމެ ރެއަކުހެން ޖަލު އޮފިސަރުން ގޮޅިއަށް ވަދެ، ބިރުދައްކައި ގޮޅީގައި ހުރި ތަކެއްޗަށް ގެއްލުންދީފައިވާ ކަމަށްވެސް އޭނާ ތުހުމަތުކޮށްފައިވެ އެވެ.
ނަމަވެސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އިހުސާން ވަނީ ޝަހުޒާންގެ އެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. މިނިސްޓަރު ވިދާޅުވީ އެ ދެ މީހުން ވަކި ދެ ގޮޅިއަކަށް ބަދަލުކުރީ ފޯނު ފެނުނު މައްސަލައާ ގުޅިގެން އިތުރަށް މޮނިޓާ ކުރުމަށް ކަމަށާއި، އެއީ އެފަދަ ހާލަތްތަކުގައި ޖަލުގެ އެހެން ގައިދީންނާ މެދުވެސް އަމަލުކުރާ އުސޫލު ކަމަށެވެ. އަދި އޭގެ ފަހުން އެ ގޮޅިތައް ބަލައި ފާސްކޮށްފައިވަނީވެސް ޖަލުގައި އާންމުކޮށް އަމަލުކުރާ ގަވާއިދުތަކުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ޖަލަށް މަނާ ތަކެތި ވެއްދި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު އިހުސާން ވަނީ ފާހަގަކުރައްވާފަ އެވެ.
ކޮމެންޓު ފޮނުވާ