ބޮޑު ޖަމާޢަތުގެ ޢީދު ނަމާދާއި ކުޅިވަރުތަކަށް މާލޭގެ ޓްރެފިކަށް ބޮޑެތި ބަދަލުތަކެއް

ބޮޑު ޖަމާޢަތުގެ ޢީދު ނަމާދާއި ކުޅިވަރުތަކަށް މާލޭގެ ޓްރެފިކަށް ބޮޑެތި ބަދަލުތަކެއް

Author
އަހުމަދު
26 މެއި 2026 01:48
0

މިއަހަރުގެ އަޟްޙާ ޢީދުގެ ބޮޑު ޖަމާޢަތުގެ ނަމާދާއި ޢީދު ކުޅިވަރުތަކަށް އާންމުންނަށް ފަސޭހަކުރުމުގެ ގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތުން މާލޭގެ މަގުތަކާއި ޓްރެފިކަށް މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ.

ޢީދު ނަމާދުގެ ވަގުތާ ދިމާކޮށް ހެނދުނު 06:00 އިން ފެށިގެން ނަމާދު ނިމެންދެން މާފަންނު ސްޓޭޑިއަމް ވަށައިގެންވާ މައި މަގުތައް ކަމަށްވާ ހިލާލީ މަގާއި، އަމީނީމަގު އަދި މާފަތްތަކުރުފާނު މަގު އާންމު ޓްރެފިކަށް ބަންދުވާނެއެވެ. ނަމާދަށް ވަޑައިގަންނަވާ ފިރިހެނުންނަށް ޚާއްޞަކޮށްފައިވަނީ އިސްކަންދަރު ކޮށި-1 ގެ ކުރިމަތީ ގޭޓާއި އެފްއޭއެމް ހައުސް ސަރަޙައްދުގައި ހުންނަ މައި ގޭޓެވެ. އަންހެނުންނަށް ޚާއްޞަކޮށްފައިވަނީ ސިންތެޓިކް ޓްރެކް ސަރަޙައްދު ގޭޓާއި އަމީނީމަގަށް ނުކުމެވޭގޮތަށް ހުންނަ ގޭޓެވެ. މީގެ އިތުރުން އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތް ސަރަޙައްދުވެސް އާދައިގެ ހުކުރު ދުވަސްތަކެކޭ އެއްފަދައިން ބަންދުކުރަން ނިންމާފައިވާއިރު، އެ ސަރަޙައްދުތަކުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނުނަގައިފިނަމަ ޖާގަ ހުސްކުރުމަށް ފުލުހުން އެ ތަކެތި އެހެން ސަރަޙައްދުތަކަށް ބަދަލުކުރާނެއެވެ.

މީގެ އިތުރުން ޢީދު ކުޅިވަރުތަކަށް ޖާގަދިނުމަށް، ޢީދު ދުވަހާއެކު ޖެހިޖެހިގެން ހަތަރު ދުވަހު މެންދުރުފަހު 03:00 އިން އިރުއޮއްސި 06:00 އަށް ސަލްޓަންޕާކާއި، އިސްލާމީ މަރުކަޒުގެ މާބަލް ސަރަޙައްދާއި، ޖުމްހޫރީ މައިދާން އަދި އިއްޒުއްދީން ފާލަން ހިމެނޭ ސަރަޙައްދަށް އުޅަނދުތަކަށް ނުވަދެވޭގޮތަށް ބަންދުކުރާނެއެވެ. މިއަހަރު މާލެ ސަރަޙައްދުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހަމަޖައްސަވާފައިވަނީ މާލޭގެ މާފަންނު ސްޓޭޑިއަމް، ވިލިމާލޭ ފުޓުބޯޅަ ދަނޑު، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް އަދި ދެވަނަ ފިޔަވަހީގެ ކުޅިވަރު އެކުވެނީގައެވެ. އަދި މީގެ އިތުރުން މާލެ ސަރަޙައްދުގެ 25 މިސްކިތެއްގައިވެސް ޢީދު ނަމާދުކުރުން އޮންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.