ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅަކީ އާއިލާއާއެކު ކުރައްވާ ޗުއްޓީ ދަތުރުފުޅެއް ކަމަށް ސަރުކާރުން ކަށަވަރުކޮށްދީފިއެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިކަން ހާމަކުރެއްވީ، ރައީސް ސިންގަޕޫރަށް ވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމާ ބައްދަލުކުރެއްވުމަށް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ތުހުމަތުތައް ދޮގުކުރައްވަމުންނެވެ. މުންދު ވިދާޅުވީ ރައީސްގެ މި ދަތުރުފުޅުގައި އެއްވެސް ސިޔާސީ މަޤުޞަދެއް ނުވާކަމަށެވެ.
ނަޝީދު މިފަދައިން ތުހުމަތުކުރައްވާފައިވާއިރު، މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރުމުގެ މަސައްކަތް ވެރިކަންކުރާ ޕީއެންސީން ދަނީ ކުރަމުންނެވެ. ނަޝީދު ވިދާޅުވި ގޮތުގައި ޕީއެންސީން އެކަން ކުރަން އުޅެނީ، ނާޒިމާއެކު ޕީއެންސީގެ 23 މެންބަރަކު ޕާޓީ ބަދަލުކުރައްވައި، ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އުޅުއްވާތީއެވެ. ނަމަވެސް ނާޒިމް ރައީސާ ވާހަކަދައްކަފާނެ ކަމަށް ޤަބޫލުފުޅުނުކުރައްވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ނާޒިމް މަޤާމުން ވަކިކުރަން ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ނިންމައި، 73 މެންބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރުގައި ވަނީ، އޭނާ މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި، މަޖިލީހުގެ މަސްލަހަތު ނަގާލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި މެންބަރުންގެ ވާޖިބުތައް އަދާކުރަން ނާޒިމް ހުރަހަކަށް ވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް، މި ބޮޑެތި ތުހުމަތުތަކުގެ ސާފު ތަފްސީލެއް އެ ގަރާރުގައި ބަޔާންކޮށްފައެއް ނުވެއެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ނާޒިމް ވަކިކުރަން ނިންމީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވަން އެންގުމުން އެކަމަށް ދެކޮޅު ހެއްދެވުމުންނެވެ.
ކޮމެންޓު ފޮނުވާ