އެބޯލާ އަދި ހަންޓާ ވައިރަސް އިން ރައްކާތެރިވުމަށް ވީއައިއޭގައި ސްކްރީން ކުރަން ފަށައިފި

އެބޯލާ އަދި ހަންޓާ ވައިރަސް އިން ރައްކާތެރިވުމަށް ވީއައިއޭގައި ސްކްރީން ކުރަން ފަށައިފި

Author
އަހުމަދު
24 މެއި 2026 07:35
0

ދުނިޔޭގައި ފެތުރެމުންދާ އެބޯލާ އަދި ހަންޓާ ވައިރަސްއިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ދަތުރުވެރިން ސްކްރީން ކުރަން ފަށައިފިއެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އާންމު ސިއްހަތަށް ނުރައްކަލެއް ކަމަށް ކަނޑައަޅާފައިވާ މި ބަލިތަކާ ގުޅިގެން ރާއްޖެ މިހާރު އޮތީ "ހައި އެލާޓް" ގައެވެ. ރާއްޖެއަށް މި ބަލިތައް އައުމުގެ ފުރުސަތު ކުޑަ ނަމަވެސް، ބަލި ފެތުރެމުންދާ ސަރަހައްދުތަކުން އަންނަ ފަރާތްތައް ދަނީ ވީއައިއޭއިން ސްކްރީން ކުރަމުންނެވެ.

ހެލްތް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ރާއްޖެއިން މިހާތަނަށް ހަންޓާ ވައިރަސްގެ އެއްވެސް ކޭސްއެއް ފެނިފައެއް ނުވެއެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކުން ދަނީ ހާލަތު ގާތުން ބަލައި، މޮނިޓަރިންގ އަދި ސަވައިލަންސްގެ މަސައްކަތްތައް މެދުނުކެނޑި ކުރަމުންނެވެ.

މީގެ އިތުރުން ސިއްހީ އިދާރާތަކުން ދަނީ ރާއްޖޭގައި ފެތުރެމުންދާ ހިމަބިހީގެ ކޭސްތަކަށްވެސް ސަމާލުކަން ދެމުންނެވެ. އެޗްޕީއޭއިން މައުލޫމާތު ދީފައިވާ ގޮތުގައި މެއި މަހުގެ 20 ގެ ނިޔަލަށް ރާއްޖެއިން ހިމަބިހީގެ 7 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރުން ބަލި ޖެހިގެން އައި ދެ މީހަކު ހިމެނޭއިރު، މި ކޭސްތަކާ ގުޅިގެން 74 އަށްވުރެ ގިނަ މީހުން ވަނީ ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވިފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް މި ދުވަސްވަރު ހިމަބިހި އިތުރުވަމުންދާކަން އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.