ކޯޓުގެ ހުރުމަތް ކެނޑިކަމަށް ކަނޑައަޅައި، 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ޖަލަށްލި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިގެންފިއެވެ.
މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، 10 ދުވަހުގެ ޖަލު ހުކުމެއް އިއްވި ލީވާން ވަނީ ހުކުމުގެ މުއްދަތު ހަމަވުމުން މިހާރު މިނިވަންވެފައެވެ. ނަމަވެސް، 15 ދުވަހުގެ ހުކުމެއް އިއްވާފައިވާ ޝަހުޒާން އަދިވެސް ހުރީ ޖަލު ބަންދުގައެވެ. ވަކިވަކިން ހުށަހެޅި މި ދެ މައްސަލަ ހައިކޯޓުން ބަލައިގަތް ނަމަވެސް، ޝަރީއަތް ފަށާނެ ވަކި ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ދެ ނޫސްވެރިންނަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވަނީ ގަޒުފުކުރިކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާތަކާ ގުޅިގެން ނެރުނު އަމުރަކާ ޚިލާފުވި ކަމަށް ބުނެ، ސިއްރުން ކުރިއަށްގެންދިޔަ ޝަރީއަތަކަށް ފަހުގައެވެ. 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވެފައިވާ ގޮތުގައި، އެ ނޫސްވެރިންނަށް ތުހުމަތުތަކުން ދިފާއުވުމުގެ އެއްވެސް ފުރުސަތެއް ދީފައެއް ނުވެއެވެ.
ނޫސްވެރިންނަށް ދިފާއުވުމުގެ ހައްގު ނުދީ ޖަލަށްލި މައްސަލައިގައި ބައިނަލްއަގުވާމީ ނޫސްވެރިންގެ ޖަމިއްޔާތައް ކަމަށްވާ އައިއެފްޖޭ އަދި ސީޕީޖޭ އިން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެމީހުން ވަގުތުން ދޫކޮށްލުމަށް ގޮވާލާފައެވެ. މީގެ އިތުރުން، ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން (އެޗްއާރުސީއެމް) ވެސް ވަނީ މި މައްސަލަ ތަހުގީގުކުރަން ފަށައި، ޖަލުގައި ތިބި ނޫސްވެރިންނާ ބައްދަލުކޮށް އެމީހުންގެ ހާލަތު ބަލާފައެވެ.
ކޮމެންޓު ފޮނުވާ