އާންމުންގެ ގިނަ ފާޑުކިޔުންތަކަކާ ގުޅިގެން، ސިޓީތަކާއި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ މެންބަރުންނަށް ދޭން ކުރިން ނިންމި ބޮޑު މުސާރަ ކުޑަކުރަން ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން ކަނޑައެޅި ގޮތުގައި، ސިޓީ ކައުންސިލްތަކުގެ ޑަބްލިއުޑީސީ ރައީސުންނަށް ދެން ލިބޭނީ މަހަކު 20،000 ރުފިޔާއެވެ. ނައިބު ރައީސުންނަށް 7،000 ރުފިޔާ ދޭން ނިންމާފައިވާއިރު، މެންބަރުންނަށް ދޭނީ 6،000 ރުފިޔާއެވެ. އަދި ރަށްރަށުގެ ޑަބްލިއުޑީސީތަކުގެ ރައީސުންނަށް 15،000 ރުފިޔާ، ނައިބު ރައީސުންނަށް 6،000 ރުފިޔާ އަދި މެންބަރުންނަށް 5،000 ރުފިޔާ ދިނުމަށް މިހާރު ވަނީ ހަމަޖައްސާފައެވެ.
މި އަދަދުތަކަށް މުސާރަ ކުޑަކޮށްފައި މިވަނީ، މުސާރަތައް ބޮޑުކުރުމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ކުރިން ނިންމި ނިންމުމަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ. ޕޭ ކޮމިޝަނުން އެންމެ ފުރަތަމަ ނިންމާފައި އޮތީ ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންނަށް 41،000 ރުފިޔާ އަދި ރަށްރަށުގެ ރައީސުންނަށް 21،000 ރުފިޔާ ދިނުމަށެވެ. ނަމަވެސް ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި، ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހޭ ގޮތަށް އެހާ ބޮޑު މުސާރައެއް ކަނޑައެޅުމުން އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ފާޑުކިޔުންތަކާ ގުޅިގެން ސިޓީތަކުގެ ރައީސުންގެ މުސާރަ 33،000 ރުފިޔާއަށް ކުޑަކުރަން ނިންމުމަށްފަހު، މިހާރު މިވަނީ އެ އަދަދު 20،000 ރުފިޔާއަށް ތިރިކޮށްފައެވެ.
މި ބަދަލުތައް ގެނައި ނަމަވެސް، މިއީ ކުރިން ލިބެމުން އައި މުސާރައާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. މީގެ ކުރިން ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސާއިންނަށް ލިބެމުން އައީ 7،000 ރުފިޔާއެވެ. އަދި ރަށްރަށުގެ ރައީސާއިންނަށް ލިބެމުން އައީ 6،000 ރުފިޔާއެވެ.
އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ މުސާރަ ބޮޑުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ވެވަޑައިގެންނެވި ވައުދުފުޅެކެވެ. މުސާރައަށް ގެނައި މި ބަދަލުގެ އިތުރުން، މިދިޔަ ރަމަޟާން މަހާ ދިމާކޮށް އެ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އެލަވަންސް ދިނުމަށް ވެސް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ