ވެރިކަން ބަދަލުކުރުމުގެ އިސް ސަފުގައި ހުންނާނީ އަޅުގަނޑު: ނަޝީދު

ވެރިކަން ބަދަލުކުރުމުގެ އިސް ސަފުގައި ހުންނާނީ އަޅުގަނޑު: ނަޝީދު

Author
އަހުމަދު
22 މެއި 2026 10:50
0

އެމްޑީޕީ ބަދަލުކޮށް ވަރުގަދަ ކުރުމާއެކު، ރާއްޖޭގެ ވެރިކަން އަނެއްކާވެސް ބަދަލުކުރުމުގެ އެންމެ އިސް ސަފުގައި އޮންނާނީ އެ ޕާޓީ ކަމަށާއި، އެ މަސައްކަތުގައި އިސްކޮށް ހުންނަވާނީ އެމަނިކުފާނު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކެމްޕެއިން ކުރެއްވުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ވެރިކަން ބަދަލުކުރުމަކީ އެމަނިކުފާނު ކުރައްވަން ދެނެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި ގޭގެ ދޮންނަމެޝިން ހަލާކުވުމުން ފަންޑިތަ ހަދާ މީހެއްގެ ބަދަލުގައި އިލެކްޓްރީޝަނެއް ގެންނަ ފަދައިން، މި ޕާޓީގެ ކަންކަން ރަނގަޅުކޮށް ވެރިކަން ބަދަލުކުރުމަށް ގެންނަން ޖެހޭނީ އެމަނިކުފާނު ކަމަށް ސިފަކުރެއްވިއެވެ. އެމްޑީޕީ ނޫން ބަޔަކަށް ރާއްޖެއަށް ބަދަލެއް ނުގެނެވޭނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ބަދަލުކުރާނެކަމަށް ތަކުރާރުކޮށް ވިދާޅުވަމުން، ނަޝީދު ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް އަބްދުﷲ ޔާމީނަށް ނުސީދާކޮށް ފާޑުވިދާޅުވެފައެވެ. އެގޮތުން، އެ ދެބޭފުޅުންނާއެކު މޭޒެއް ދޮށުގައި ތިބެގެން ނުވަތަ ރިއެކްޓް ނުކޮށް ވެރިކަން ބަދަލުނުކުރެވޭނެ ކަމަށާއި، އެކަން ކުރެވޭނީ އެމްޑީޕީގެ މެމްބަރުން ތެދުވެގެން ކަމަށް ވިދާޅުވިއެވެ. އަދި ގާނާގެ އާކްރާގައި ހުންނަވަނިކޮށް އެމަނިކުފާނު ރާއްޖެ ގެނައީވެސް ވެރިކަން ބަދަލުކުރުމުގެ ބުރަ މަސައްކަތް ކުރުމަށްކަމަށް ވިދާޅުވިއެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު، އެމަނިކުފާނާއި ރައީސް ސޯލިހުގެ އިތުރުން ރައީސް ޔާމީން ވަނީ މި ސަރުކާރާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރެއްވުމަށް އެއްބަސްވުމެއްގައި ދާދިފަހުން ސޮއިކުރައްވާފައެވެ. ނޫސްވެރިންނާ ހިއްސާކޮށްފައިވާ އެ އެއްބަސްވުމުގައި، ސަރުކާރުން ގާނޫނުއަސާސީއާ ހިލާފުވަމުންދާ ކަމަށާއި، ޝަރުއީ ކޯޓުތަކަށް ނުފޫޒު ފޯރުވައި މުއައްސަސާތަކުގެ ބާރު ކަނޑުވާލާފައިވާކަން ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން ނޫސްވެރިކަމަށް ހުރަސްއެޅުމާއި، އިގުތިސޯދު ހީނަރުވެ ތަކެތީގެ އަގު އުފުލެމުންދާކަންވެސް ތިން ރައީސުން ސޮއިކުރެއްވި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.