މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ހަފްތާގެ މޮޅު ކުޅުންތެރިޔާ ހޮވުމުގެ ފުރުސަތު ސަޕޯޓަރުންނަށް ހުޅުވާލައިފި އެވެ.
ލީގުގައި މިހާތަނަށް ކޮންމެ ޓީމެއް ފަސް މެޗު ކުޅެފައިވާއިރު، ސަޕޯޓަރުންގެ މެދުގައި ހަފްތާގެ އެންމެ މަގުބޫލު ކުޅުންތެރިޔަކު ހޮވާނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކްގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ރަސްމީ ޕޭޖުގަ އެވެ. ފުރަތަމަ ފަހަރަށް ސަޕޯޓަރުންނަށް ހުޅުވާލި މި ފުރުސަތުގައި މިހާތަނަށް ވެސް ގިނަ ބަޔަކު އަންނަނީ ބައިވެރިވަމުންނެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު މެޗުތަކަށް ބަލައި މި ފަހަރުގެ ގަދަ ހަތަރު ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މާޒިޔާގެ ސެއިން ވިންސެންޓް ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އާއި އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި ގްރީން ސްޓްރީޓްސްގެ ސްޕެއިން މިޑްފީލްޑަރު އެންޖެލް މުނޯޒް އަދި ޓީސީގެ ކެޕްޓަން މުހައްމަދު އައްޒާމް އެވެ.
ހަންނަ ވަނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން އީގަލްސް މޮޅުވި މެޗުގައި ދެ ގޯލު ޖަހައިފަ އެވެ. ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ކޮޅަށް މާޒިޔާގެ ކޯނޭ ވަނީ ދެ ގޯލު ޖަހައިފަ އެވެ. ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށް ގްރީން ސްޓްރީޓްސް އަށް ލީގުގެ ފުރަތަމަ މޮޅު ހޯދައިދިން ގޯލު ޖަހައިދިނީ މުނޯޒް އެވެ. އަދި ވެލެންސިއާ މޮޅުވާން ދަނިކޮށް ޓީސީ އަށް އެއްވަރުކޮށްދިނީ އައްޒާމް އެވެ.
ސަޕޯޓަރުންނަށް ހުޅުވާލައިގެން މި ގޮތަށް އެންމެ މޮޅު ކުޅުންތެރިއަކު ހޮވަން ނިންމި އެންމެ ބޮޑު ސަބަބަކީ ލީގުގެ މެޗުތަކުގެ އިތުރުން ފުޓްބޯޅައިގައި ސަޕޯޓަރުން ބައިވެރިވާ މިންވަރު އިތުރުކުރުމުގެ ގޮތުންކަމަށް އެފްއޭއެމުން މައުލޫމާތު ދެއެވެ. ވޯޓުލުން ކުރިއަށްގެންދާނީ ހުކުރު ދުވަހުގެ 14:00 އާ ހަމައަށެވެ. ސަޕޯޓަރުން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާ އަށް ޓްރޮފީ ދޭ ގޮތަށް އެފްއޭއެމުން ވަނީ ނިންމައިފަ އެވެ.
ކޮމެންޓު ފޮނުވާ