ޕެންޝަނާބެހޭ ޤާނޫނަށް ގެނައި މުހިންމު އިޞްލާޙުތައް ރައީސް ތަސްދީޤުކުރައްވައިފި

ޕެންޝަނާބެހޭ ޤާނޫނަށް ގެނައި މުހިންމު އިޞްލާޙުތައް ރައީސް ތަސްދީޤުކުރައްވައިފި

Author
އަހުމަދު
22 މެއި 2026 02:30
0

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެނައި 6 ވަނަ އިޞްލާޙު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައި، އެ ޤާނޫނަށް ޢަމަލުކުރަން ފަށައިފިއެވެ.

މޭ މަހުގެ 14 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރެއްވި މި ބިލުގެ ދަށުން، ޕެންޝަން ނިޒާމަށާއި ފަންޑުގެ ފައިސާ ބޭނުންކުރެވޭނެ ގޮތްތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ، އުމުރުން ދުވަސްވީ މީހުންނަށް ދޭ އަސާސީ ޕެންޝަނަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް، ދެން އަސާސީ ޕެންޝަން ނުލިބޭނެގޮތަށް ކަނޑައެޅުމެވެ.

މީގެ އިތުރުން، އާންމު ރައްޔިތުންނަށް ފައިދާކުރަނިވި ގިނަ ކަންތައްތަކެއް މި އިޞްލާޙުގައި ހިމެނެއެވެ. އޭގެ ތެރޭގައި، އަމިއްލަ ގެދޮރު އިމާރާތްކުރުމަށާއި މަރާމާތުކުރުމަށް ޕެންޝަން ފަންޑުގައިވާ ފައިސާ ކޮލެޓަރަލައިޒް ކުރެވޭނެ މަގު ވަނީ ފަހިކޮށްދީފައެވެ. އަދި ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް (ޓަރމިނަލް އިލްނަސް) ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް ޕެންޝަން ފައިސާ ދޫކުރެވޭނެ އުސޫލުތަކާއި، ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ކުރިޔާލައި ޖާގަ ރިޒާވްކުރުމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭނެގޮތްވެސް ވަނީ ހަމަޖައްސާފައެވެ.

މި އިޞްލާޙުގެ މައިގަނޑު މަޤުޞަދަކީ ޕެންޝަން ފަންޑު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް އެންމެ ބޭނުންތެރި ދަނޑިވަޅުތަކުގައި އެ ފައިސާގެ މަންފާ ލިބޭނޭ މަގު ތަނަވަސްކޮށްދިނުމެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މިހާރު އަންނަނީ މި ބަދަލުތަކަށް ޢަމަލުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.