އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ މެންބަރުންގެ މުސާރައަށް ބޮޑު ބަދަލެއް ގެނެސް، މުސާރަ ބޮޑުކުރުމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ފާސްކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި، ޕޭ ކޮމިޝަނުން މުސާރައިގެ އައު އޮނިގަނޑު ފާސްކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. އަދި މި ނިންމުން މިހާރު ވަނީ ރަސްމީކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އަންގާފައެވެ.
އައު އޮނިގަނޑުގެ ދަށުން، ސިޓީތަކުގެ ޑަބްލިއުޑީސީތަކުގެ ރައީސުންނަށް މަހަކު 41,000 ރުފިޔާ ލިބޭނެއެވެ. އަދި ރަށްރަށުގެ ޑަބްލިއުޑީސީތަކުގެ ރައީސުންނަށް މަހަކު 21,000 ރުފިޔާ ލިބޭނެއެވެ.
މި ބަދަލާއެކު ކޮމިޓީގެ އެހެން މެންބަރުންގެ މުސާރައަށްވެސް ވަނީ ކުރިއެރުން ގެނެސްފައެވެ. އެގޮތުން ސިޓީތަކުގެ ޑަބްލިއުޑީސީތަކުގެ ނައިބު ރައީސުންނަށް މަހަކު 7,000 ރުފިޔާ ލިބޭއިރު، ރަށްރަށުގެ ނައިބު ރައީސުންނަށް ލިބޭނީ 6,000 ރުފިޔާއެވެ. ސިޓީތަކުގެ އާންމު މެންބަރުންނަށް 6,000 ރުފިޔާ އަދި ރަށްރަށުގެ އާންމު މެންބަރުންނަށް 5,000 ރުފިޔާ ލިބޭނެއެވެ.
ކުރިން ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންނަށް ލިބެމުންދިޔައީ 7,000 ރުފިޔާއެވެ. އަދި ރަށްރަށުގެ ރައީސުންނަށް ލިބެމުންދިޔައީ 6,000 ރުފިޔާއެވެ. އެހެންކަމުން މިއީ ސިޓީތަކުގެ ރައީސުންނަށް 34,000 ރުފިޔާގެ އަދި ރަށްރަށުގެ ރައީސުންނަށް 15,000 ރުފިޔާގެ ބޮޑު ކުރިއެރުމެކެވެ.
މި މުސާރައިގެ ކުރިއެރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެއް ފުއްދެވުމެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނުގައި، މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ޑަބްލިއުޑީސީތައް ބާރުވެރިކޮށް، އެ ކޮމިޓީތަކުގެ ބަޖެޓު ދެގުނަ ކުރައްވާނެ ކަމަށްވެސް ރައީސް ވަނީ ވަޢުދުވެވަޑައިގެންފައެވެ.
ޑަބްލިއުޑީސީ މެންބަރުންނަށް އެހީތެރިވުމަށް ކުރެވޭ ފުޅާ މަސައްކަތްތަކުގެ ތެރެއިން، އެ މެންބަރުންނަށް ރަމަޟާން މަހުގެ އިނާޔަތް ދިނުމަށްވެސް ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަދި ނިމިދިޔަ ރަމަޟާން މަހު ވަނީ އެ އިނާޔަތް ދޭން ފަށާފައެވެ.
ކޮމެންޓު ފޮނުވާ