ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ ކަނޑުމަހުގެ ބާވަތްތަކުން ނަގަމުން އައި 20 އިންސައްތައިގެ އިމްޕޯޓް ޑިއުޓީ، 2028 ވަނަ އަހަރުގެ ނިޔަލަށް އެ ގައުމުން މެދުކަނޑާލައިފިއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ނިންމުމާއެކު ދިވެހި މަސްވެރިންނަށާއި ވިޔަފާރިވެރިންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. ރާއްޖެއަކީ އިނގިރޭސިވިލާތަށް 9 ވަނައަށް އެންމެ ގިނައިން ކަނޑުމަސް އެތެރެކުރާ ގައުމަށް ވާއިރު، އަހަރަކު ގާތްގަނޑަކަށް 16.7 އާއި 18 މިލިއަން ޕައުންޑާ ދެމެދުގެ އަދަދަކަށް ރާއްޖެއިން އެ ގައުމަށް ކަނޑުމަސް ބޭރުކުރެއެވެ. މީގެ ކުރިން އިނގިރޭސިވިލާތަށް އެންމެ ގިނައިން މަސް އެތެރެކުރާ ގިނަ ގައުމުތަކަކަށް ޑިއުޓީއާ ނުލައި މަސް އެތެރެކުރުމުގެ ފުރުސަތު އޮތީ ލިބިފައެވެ. އެހެންކަމުން މިއީ ދިވެހިރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
ދިވެހި މަހުން ނަގާ ޓެރިފް ކަނޑާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރެއްވި މަސައްކަތެކެވެ. ރާއްޖެއިން ރޯމަސް ބޭރުކުރުމުގެ ބަދަލުގައި އަގުއެއްކުރި އުފެއްދުންތައް އުފައްދައި، މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން، ރައީސް އިނގިރޭސިވިލާތަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އިނގިރޭސި ރަސްގެފާނު ޗާލްސްއާއި އެ ގައުމުގެ އިސްބޭފުޅުންގެ އަރިހުންވެސް މިކަމަށް ވަނީ އެދިވަޑައިގެންފައެވެ. ސަރުކާރުގެ އަމާޒަކީ އިނގިރޭސިވިލާތުގެ މި ނިންމުން ދާއިމީ ކުރުމަށްޓަކައި އެ ގައުމުގެ ސަރުކާރާއެކު މެދުނުކެނޑި މަޝްވަރާތައް ކުރިއަށް ގެންދިއުމެވެ.
މިކަމާ ގުޅިގެން އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ނިކޮލަސް ޑޭވިޑް ވިދާޅުވީ، މިއީ އިނގިރޭސިވިލާތުގެ ކަސްޓަމަރުންނަށާއި ދިވެހި މަސްވެރިންނަށްވެސް ލިބުނު ވަރަށް އުފާވެރި ޚަބަރެއް ކަމަށެވެ. ޑިއުޓީ ކަނޑާލުމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި ބާނާ ދިވެހި މަހަށް ދުނިޔޭގެ ޕްރިމިއަމް ބާޒާރުތަކުގައި އެހެން ވިޔަފާރިތަކާ އެއްހަމައެއްގައި ވާދަކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އަދި މީގެ ސަބަބުން މަސް ޕްރޮސެސްކުރާ ފަރާތްތަކުގެ ފައިދާ އިތުރުވެ، މަސްވެރިންނަށް ލިބޭ އަގު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓު ފޮނުވާ