މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ 16 ވަނަ އަހަރީ އާންމު ޖަލްސާ ބާއްވައި، ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި 129.6 މިލިއަން ރުފިޔާ ބެހުމަށް ފާސްކޮށްފިއެވެ.
މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ "ފަހިވޯޓް" ސިސްޓަމް މެދުވެރިކޮށް އޮންލައިންކޮށް މި މަހުގެ 18 ވަނަ ދުވަހު ބޭއްވި މި ޖަލްސާގައި ނިންމާފައިވަނީ ކޮންމެ ހިއްސާއަކަށް 5.41 ރުފިޔާ ބެހުމަށެވެ. ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅި މި ނިންމުން ފާސްވެފައިވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99.99 އިންސައްތަ ވޯޓުންނެވެ.
ބޭންކުގެ ޖުމްލަ ހިއްސާގެ 79.74 އިންސައްތަ ތަމްސީލުކުރާ 57 ހިއްސާދާރުންނާއި ޕްރޮކްސީން ބައިވެރިވި މި ޖަލްސާގައި ވަނީ މުހިންމު އެހެން ނިންމުންތަކެއްވެސް ނިންމާފައެވެ. އެގޮތުން 2025 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް އިއްތިފާގުން ފާސްކޮށްފައިވާއިރު، 2026 ވަނަ އަހަރަށް ބޭންކުގެ އެކްސްޓާނަލް އޮޑިޓަރުންގެ ގޮތުގައި އާންސްޓް އެންޑް ޔަންގް ހަމަޖެއްސުމަށްވެސް ވަނީ ފާސްކޮށްފައެވެ.
އެމްއައިބީން އަންނަނީ މާލީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން 2025 ވަނަ އަހަރު ބޭންކުގެ ޖުމްލަ އެސެޓް ވަނީ އެއް ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ. މިއީ ރާއްޖޭގެ އިސްލާމިކް ބޭންކިންގެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކޮށް އެމްއައިބީން ބުނީ، މި ކާމިޔާބީގެ އަސްލަކީ ކަސްޓަމަރުންނާއި ހިއްސާދާރުން ބޭންކަށް ކުރާ އިތުބާރު ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އިސްލާމީ އުސޫލުތަކާ އެއްގޮތަށް ހިދުމަތްތައް ފުޅާކޮށް، ހިއްސާދާރުންނަށް ލިބޭ މަންފާ އިތުރުކުރުމަށް މަސައްކަތްކުރާނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ