މެދުއިރުމަތީގެ ހަމަނުޖެހުންތަކާއެކުވެސް ރާއްޖޭގެ އިޤްތިޞާދާއި ފަތުރުވެރިކަމަށް ވަނީ ކުރިއެރުން ލިބިފަ: ކޮމިޓީ

މެދުއިރުމަތީގެ ހަމަނުޖެހުންތަކާއެކުވެސް ރާއްޖޭގެ އިޤްތިޞާދާއި ފަތުރުވެރިކަމަށް ވަނީ ކުރިއެރުން ލިބިފަ: ކޮމިޓީ

Author
އަހުމަދު
19 މެއި 2026 08:34
0

މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި އިޤްތިޞާދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިފިކަން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ޚާއްޞަ ކޮމިޓީން ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މިދިޔަ އަހަރާ އަޅާބަލާއިރު މާރިޗު މަހު ފަތުރުވެރިން އައި މިންވަރު 22.5 އިންސައްތަ އަދި އެޕްރީލް މަހު 26.5 އިންސައްތަ ދަށަށް ދިޔަ ނަމަވެސް، މި ހިނގާ މޭ މަހު އެ އަދަދު 8.9 އިންސައްތައަށް ކުޑަކުރެވިފައިވާ ކަމަށެވެ. މިއީ ކަމާގުޅޭ ހުރިހާ މުއައްސަސާތަކާއި ސިނާޢަތްތައް ގުޅިގެން ކުރި މަސައްކަތުން ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އަދި ޤައުމީ އެއަރލައިން، މޯލްޑިވިއަންއަށް ވައިޑް ބޮޑީ ބޯޓު ގެނައުމަށް ރައީސް ނިންމެވި ނިންމެވުމަކީ މިފަދަ ދަނޑިވަޅެއްގައި އިޤްތިޞާދީ ގެއްލުން ކުޑަކުރުމަށް އެޅުއްވި ވަރަށް ޙިކުމަތްތެރި ފިޔަވަޅެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ހުރިހާ އަތޮޅަކުންވެސް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު މިހާރު ޤާއިމުކުރެވިފައިވާ ކަމަށެވެ. އެސްޓީއޯ މެދުވެރިކޮށް އަތޮޅުތަކަށް ތެޔޮ ފޯރުކޮށްދިނުމުގައި ހުރި ލޮޖިސްޓިކް ދަތިތައް ޙައްލުކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވައި، ވަޒީރު ވަނީ މަސް ޕްރޮސެސްކުރާ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށާއި، ދަނޑުވެރިކަމުގެ ސިނާޢަތުގައި މުދާ އުފުލުމަށްދާ ނާލުގެ ޚަރަދު ކުޑަކޮށްދިނުމަށް ފަހި ގޮތްތަކެއް ހަމަޖައްސަވައިދެއްވަމުން ގެންދަވާކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު އަދި މި ޚާއްޞަ ކޮމިޓީގެ ޗެއަރ މޫސާ ޒަމީރު ވިދާޅުވި ގޮތުގައި، މި ދަތި ދަނޑިވަޅުގައިވެސް ރައްޔިތުންނަށް ބޭނުންވާ ތެލާއި، ކާޑުގެ ބާވަތްތަކުގެ އިތުރުން އަސާސީ މުދާ އެއްވެސް ދަތިކަމެއް ނެތި މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އަދި ދައުލަތުގެ ޚަރަދުތައް ރޭޝަނަލައިޒްކޮށް، ދަރަނިތައް އަދާކުރަމުންދާއިރު، ޤައުމުގެ ދަރަނި މިހާރު ހުރީ ދެމެހެއްޓެނިވި މިންވަރެއްގައި ހިފެހެއްޓިފައިކަންވެސް ވަޒީރު ޒަމީރު ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.