އުވާލާފައިވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ދަރަންޏަކާ ގުޅިގެން އެ ޕާޓީގެ ކުރީގެ ލީޑަރު މުޙައްމަދު ނަޝީދު (ކާނަލް ނަޝީދު) ގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމަށް އޭނާގެ ފަރާތުން ހުށަހެޅުމުން، އެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާ ނިންމަވައިފިއެވެ.
ހައިކޯޓުން މި މައްސަލަ ބަލައިނުގަންނަން ނިންމީ، ސިވިލް ކޯޓުގެ ހުކުމަކީ ނަޝީދުގެ ޣައިރު ހާޒިރުގައި އިއްވާފައިވާ ހުކުމަކަށް ވުމުން، އެ މައްސަލަ އަލުން ސިވިލް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮތުމުންނެވެ. ސިވިލް ކޯޓުން ނަޝީދުގެ މައްޗަށް ހުކުމްކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އާމިރަށް ޑީއާރުޕީން ދައްކަންޖެހޭ ހަތަރު މިލިއަން ރުފިޔާގެ ދަރަންޏަށް ނަޝީދު ޒިންމާވާންޖެހޭނެ ކަމަށް ކަނޑައަޅައެވެ. މިއީ 2007 ވަނަ އަހަރުން ފެށިގެން 2009 އާ ހަމައަށް ޑީއާރުޕީގެ ހަރަކާތްތައް ވީޑިއޯކޮށް އެޑިޓްކުރުމަށް އާމިރުގެ ކުންފުނިތަކުން ފޯރުކޮށްދިން ޚިދުމަތްތަކުގެ ފައިސާއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފެއްދެވި ޑީއާރުޕީ އުވާލިއިރު އެ ޕާޓީގައި ބޮޑެތި ދަރަނިތަކެއް އޮތެވެ. އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ގޮތުން، ޕާޓީއެއް އުވާލާއިރު އޮންނަ ދަރަންޏަށް ޒިންމާވާންޖެހޭނީ އެ ވަގުތަކު ޕާޓީގެ އެންމެ އިސްކޮށް ހުންނަވާ ފަރާތަކުންނެވެ. ޑީއާރުޕީ އުވާލިއިރު އެ ޕާޓީގެ ލީޑަރަކަށް ހުންނެވީ ކާނަލް ނަޝީދު ކަމަށްވުމުން، އެ ޕާޓީގެ ދަރަނިތަކުގެ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަތީ އޭނާއަށެވެ.
ކޮމެންޓު ފޮނުވާ