މަހިބަދޫ ކައުންސިލްގެ ނައިބު ރައީސަކަށް 8 ވަނަ ބުރުން ޒައީމާ ހޮވިއްޖެ

މަހިބަދޫ ކައުންސިލްގެ ނައިބު ރައީސަކަށް 8 ވަނަ ބުރުން ޒައީމާ ހޮވިއްޖެ

Author
އަހުމަދު
19 މެއި 2026 11:14
0

އަށް ފަހަރެއްގެ މަތިން ވޯޓުލުމަށްފަހު، އދ. މަހިބަދޫ ކައުންސިލްގެ ނައިބު ރައީސްގެ މަގާމަށް އެމްޑީޕީގެ މެމްބަރު ޒައީމާ މުހައްމަދު އިންތިޚާބުކޮށްފިއެވެ.

ކައުންސިލަރުން ހުވާކުރުމަށްފަހު ނައިބު ރައީސަކު ހޮވުމަށް ބޭއްވި ފުރަތަމަ ވޯޓުގައި ޒައީމާ އަދި ޕީއެންސީގެ މެމްބަރު މުހައްމަދު މައުމޫން ކުރެން ކޮންމެ ބޭފުޅަކަށް ލިބިވަޑައިގަތީ ދެ ވޯޓެވެ. އަދި އަމިއްލަ ގޮތުން އިންތިޚާބުވި ކައުންސިލަރު ބުންޏާމީން ހަސަންއަށް އެއް ވޯޓު ލިބުމާ ގުޅިގެން ފުރަތަމަ ބުރުން އެއްވެސް ބޭފުޅަކަށް ކުރިއެރުމެއް ނުލިބުނެވެ.

އޭގެ ފަހުން ދެވަނަ ބުރުން ފެށިގެން ހަތްވަނަ ބުރާ ހަމައަށް ނެގި ކޮންމެ ވޯޓެއްގެ ނަތީޖާވެސް ނުކުތީ އެއްވަރުވެގެންނެވެ. އެ ހުރިހާ ފަހަރަކުވެސް ޒައީމާ އާއި މައުމޫންއަށް ދެ ވޯޓު ލިބުނުއިރު، ދެން އިން ކޮންމެ ވޯޓެއް ވަނީ ބާތިލުވެފައެވެ.

ނައިބު ރައީސަކު ނުހޮވި ދިގުލައިގެން ދިއުމާ ގުޅިގެން، އެ މައްސަލައަށް ގޮތެއް ނިންމުމަށް އެންމެ ފަހުން ޖަލްސާއެއް ބޭއްވީ ރޭގަނޑު 9:00 ގައެވެ. ރޭ ބޭއްވި މި ޖަލްސާގައި ނެގި އަށްވަނަ ވޯޓު ޒައީމާ ކާމިޔާބުކުރެއްވީ 3 ވޯޓު ހޯއްދަވައިގެންނެވެ. ވާދަވެރި ކެންޑިޑޭޓް މައުމޫންއަށް މި ބުރުގައިވެސް ލިބިވަޑައިގަތީ 2 ވޯޓެވެ. މިއާއެކު އެތައް އިރެއް ވަންދެން ނުނިމި އޮތް މަހިބަދޫ ކައުންސިލްގެ ނައިބު ރައީސް ހޮވުމުގެ ކަންތައް ވަނީ ނިމުމަކަށް އައިސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.