އިޓާލިއަން ކަޕުގައި ކުއާޓާފައިނަލަށް ޔުވެންޓަސް ދަތުރުކޮށްފިއެވެ.
ކުއާޓާއިން މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ޔުވެންޓަސް ޖާގައެއް ހޯދީ ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި ޖެނޯއާ އަތުން 3-2 ލަނޑުން މޮޅުވެގެންނެވެ. ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ދެވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑެޔާން ކުލުސެވްސްކީއެވެ. އަދި މެޗުގެ 23 ވަނަ މިނެޓުގައި އަލްވާރޯ މޮރާޓާ ވަނީ ޔުވެންޓަސްއަށް ލީޑު ފުޅާކޮށްދީފައެވެ.
މެޗުގެ 28 ވަނަ މިނެޓުގައި ލެނާޓް ޒިބޯރާ ވަނީ ލަނޑެއް ޖަހާ ޖެނޯއާއަށް ފަރަގު ކުޑަކޮށްދީފައެވެ. އަދި އެ ޓީމުން މެޗުގައި ނަތީޖާ އެއްވަރުކޮށްފައިވަނީ 74 ވަނަ މިނެޓުގައި ފިލިއްޕޯ މެލެގޯނީ ކާމިޔާބުކުރި ލަނޑުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރިވެފައި އޮތުމުން، އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު، ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޔުވެންޓަސްއިން ވަނީ އަލުން ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ހަމްޒާ ރަފިއާއެވެ.
ކޮމެންޓު ފޮނުވާ