ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

Author
އަހުމަދު
18 މެއި 2026 02:35
0

ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ފުވައްމުލައް ސިޓީ މާދަނޑު، ސަމާ، ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް މިއަދު މީސްމީޑިއާގައި ޙިއްޞާކުރެއްވި މެސެޖެއްގައި ވަނީ، މަރްޙޫމް ފާރޫޤް އަޙްމަދަކީ ފުވައްމުލަކުގެ އަތޮޅުވެރިކަމާއި އިދާރީ ހިންގުމުގެ ދާއިރާގައި ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަގުހުރި ބޭފުޅެއްކަން ފާހަގަކުރައްވާފައެވެ. ހަމައެހެންމެ، އެމަނިކުފާނަކީ ދިވެހި ބަހާއި އަދަބިއްޔާތުގެ އިތުރުން ތާރީޚީ ރޮނގުންވެސް ފާހަގަކޮށްލެވޭ ފަދަ މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ތަޖުރިބާކާރު ޝަޚްޞިއްޔަތެއްކަމަށާއި، އެމަނިކުފާނު ވަކިވެދިއުމަކީ އެ ދާއިރާތަކަށް ލިބުނު ފުން ހިތާމައެއް ކަމުގައި ރައީސް ސިފަކުރެއްވިއެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި ފާރޫޤްގެ ޢާއިލާއަށާއި މުޅި ފުވައްމުލަކުގެ ރައްޔިތުންނަށް ރައީސް ވަނީ ތަޢުޒިޔާ ރައްދުކުރައްވައި، ކެތްތެރިކަން އެދިވަޑައިގެންފައެވެ. އަދި މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތާއި މާތްﷲގެ ތަނަވަސް ރަޙްމަތް މިންވަރުކުރެއްވުން އެދި އެމަނިކުފާނު ވަނީ ދުޢާ ދަންނަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.