އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި

Author
އަހުމަދު
18 މެއި 2026 02:02
0

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މިއަދު މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން މައުލޫމާތުދޭ ގޮތުގައި ދެކުނުގެ ރަށްތަކަށް މޫސުން އާންމުގޮތެއްގައި ރަނގަޅުވި ނަމަވެސް، ކުޑަކޮށް ކެރީގެ އަސަރުކުރުން އެކަށީގެންވެއެވެ. ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދު ވައިޖެހޭއިރު، ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި (ރާޅުގެ އުސްމިން 3-6 ފޫޓު)، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށް (ރާޅުގެ އުސްމިން 4-7 ފޫޓު) ވަނީ މައުލޫމާތުދީފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން އެންމެ ގިނައިން ވާރޭވެހިފައިވަނީ އދ. މާމިގިއްޔަށެވެ. އެރަށަށް 29.0 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މި ދުވަސްވަރު ރާއްޖެއަށް ވައިގަދަވެ ވިއްސާރަކުރާނެތީ، ކުރިމަތިވެދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.