ޔުނައިޓެޑް އެރަބް އެމިރޭޓްސް އާއި އަޔަލަންޑް ބައްދަލުކުރަން ހަމަޖެހިފައިއޮތް އެއް ދުވަހުގެ ކްރިކެޓް މެޗް ކޮރޯނާ ވައިރަހުގެ ސަބަބުން ދެވަނަ ފަހަރަށް ފަސްކޮށްފިއެވެ.
މިމެޗް ދެވަނަ ފަހަރަށް ފަސް ކުރަން ޖެހުނީ ޔޫއޭއީގެ ޓީމުން ވައިރަސްއަށް އިތުރު ހަތަރު މީހަކު ޕޮސިޓިވް ވުމުންނެވެ. މިދިޔަ އާދިއްތަ ދުވަހު ކުޅެން ހަމަޖެހިފައިއޮތް މިމެޗް ފުރަތަމަ ފަސްކުރީވެސް ޔޫއޭއީ ޓީމްގެ ތިން ކުޅުންތެރިޔަކު ކޮރޯނާ ވައިރަހަށް ޕޮސިޓިވް ވުމުންނެވެ. މިމެޗް ދެވަނަ ފަހަރަށް ފަސް ކުރަން ނިންމި ކަމާބެހޭ ފަރާތްތަކުގެ މެދުގައި މަޝްވަރާ ކުރުމަށްފަހުއެވެ.
މިމެޗް ދެން ކުޅެވޭނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މި ދެޤައުމުގެ މެދުގައި ކުޅުނު ފުރަތަމަ މެޗް ހަ ވިކެޓުން ކާމިޔާބުކުރީ ޔޫއޭއީއެވެ. އަދި އިތުރު ދެމެޗު މިދެޓީމްގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވެއެވެ.
ކޮމެންޓު ފޮނުވާ