ކްރިމިނަލް ކޯޓުގެ "ގެގް އޯޑަރު" ބާތިލްކުރަން ފިޔާޒްގެ ފަރާތުން އަލުން ހައިކޯޓަށް

ކްރިމިނަލް ކޯޓުގެ "ގެގް އޯޑަރު" ބާތިލްކުރަން ފިޔާޒްގެ ފަރާތުން އަލުން ހައިކޯޓަށް

Author
އަހުމަދު
17 މެއި 2026 09:08
0

ކްރިމިނަލް ކޯޓުން ނެރުނު "ގެގް އޯޑަރު" ބާތިލުކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައިކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލުމުން، "އަދަދު" ނޫހުގެ އެޑިޓަރު ހުސެއިން ފިޔާޒް މޫސާގެ ފަރާތުން އެ މައްސަލަ އަލުން އެ ކޯޓަށް ހުށަހަޅައިފި އެވެ.

މި އަމުރަކީ، އަދަދު ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓަރީއަކާ ގުޅިގެން ފިޔާޒާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރުމުގެ ދައުވާ އުފުލުމަށްފަހު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެދިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރެކެވެ. މި އަމުރުގައި ވަނީ އެ ޑޮކިއުމެންޓަރީ މުޖުތަމައުގައި ދައުރުނުކުރުމަށާއި، އޭގައިވާ ވާހަކަތައް ސީދާކޮށް ނުވަތަ ނުސީދާކޮށްވެސް ނުދެއްކުމަށާއި، ޝަރީއަތާ ގުޅޭ ލިޔެކިޔުންތަކާއި މައުލޫމާތުތައް ނުފެތުރުމަށް އާންމުކޮށް އެންމެންގެ މައްޗަށް އަންގާފަ އެވެ. އަދި މައްސަލައިގެ ހަސްމުންނާއި ޝިކާރައަކަށްވީ މީހާގެ އެއްވެސް ވާހަކައެއް ދެއްކުންވެސް ވަނީ މަނާކޮށްފަ އެވެ.

މިދިޔަ ހަފުތާގައި ނެރުނު މި އަމުރާ ހިލާފުވި ކަމުގެ ތުހުމަތުގައި މިހާރުވެސް ދެ ނޫސްވެރިޔަކު ޖަލަށްލާފައިވާއިރު، އެމްޖޭއޭއިން މި މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުގެ ރަޖިސްޓްރާ މަރްޔަމް ހޫރުޝީދާ ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމަވާފަ އެވެ. އެ މައްސަލަ ރިޖެކްޓްކުރީ، އެ އަމުރު އިސްތިއުނާފު ކުރުމުގެ ހައްގު ނުވަތަ ގާނޫނީ ހައިސިއްޔަތު އެ ޖަމިއްޔާއަށް ނެތްކަމަށް ކަނޑައެޅުމަށް ފަހު އެވެ.

އެމްޖޭއޭގެ ހުށަހެޅުން ބޭރުކޮށްލުމާ ގުޅިގެން ފިޔާޒްގެ ފަރާތުން މިހާރު އަލުން މައްސަލަ ހުށަހަޅާފައިވީ ނަމަވެސް، މިކަމާމެދު ކޯޓުން އަދި ވަކި ގޮތެއް ކަނޑައަޅާފައެއް ނުވެ އެވެ. ކްރިމިނަލް ކޯޓުގެ މި އަމުރަކީ ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އޮތް ވަރަށް ބޮޑު ހުރަހެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.