ޝިއާއުގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވޭ ސާހިލްގެ މައްޗަށް އިއްވި ޖަލު ހުކުމް އިސްތިއުނާފަށް ހުށަހަޅައިފި

ޝިއާއުގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވޭ ސާހިލްގެ މައްޗަށް އިއްވި ޖަލު ހުކުމް އިސްތިއުނާފަށް ހުށަހަޅައިފި

Author
އަހުމަދު
17 މެއި 2026 02:42
0

މާލޭގައި އަނިޔާވެރިގޮތަކަށް ޝިއާއު މަރާލި މައްސަލައިގެ ތުހުމަތު އޮތް ސާހިލް އަލީގެ މައްޗަށް ސާބިތުވި އެހެން ދައުވާތަކަކާ ގުޅިގެން އިއްވާފައިވާ ތިން އަހަރުގެ ޖަލު ހުކުމް އޭނާގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅައިފިއެވެ.

އޮގަސްޓް 2022 ގައި ފުވައްމުލަކަށް ނިސްބަތްވާ ޝިއާއު މަރާލައި، އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިން ކަމުގެ ތުހުމަތުގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ދައުލަތުން ޖުމްލަ ފަސް ދައުވާއެއް އުފުލިއެވެ. މީގެ ތެރެއިން ދެ ދައުވާއެއް ސާބިތުވެ، ކްރިމިނަލް ކޯޓުން ވަނީ އޭނާ ތިން އަހަރާއި އެއް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ކުރިން ހުކުމްކޮށްފައެވެ.

މި ހުކުމް ބާތިލްކުރުމަށް އެދި މިދިޔަ ހަފުތާގައި އޭނާގެ ފަރާތުން ހައި ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް، އެ މައްސަލަ ބަލައިގަތުމާމެދު ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

ސާހިލްގެ މައްޗަށް ކުރާ ބާކީ ހުރި ދައުވާތަކުގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި މިހާރު ނިމުމަކާ ގާތްވެފައިވާއިރު، އެއީ ސީދާ ކޮން ދައުވާތަކެއްކަން ސިއްރުކޮށްފައިވާތީ ކޯޓުން ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލަތަކުގައި ކުރިއަށްދިއުމަށް ދައުލަތުގެ ހަރަދުގައި ސާހިލަށް ވަކީލަކު ހަމަޖައްސައިދިން ނަމަވެސް، ވަކީލަށް އޭނާގެ ފަރާތުން އެއްބާރުލުން ނުލިބުމުގެ ސަބަބުން އިތުރަށް ވަކީލުން ހަމަޖައްސައިނުދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމާފައިވާކަން ކޯޓުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.