މެންޗެސްޓާ ސިޓީ ލީގުގެ ތިން ވަނަ އަށް

މެންޗެސްޓާ ސިޓީ ލީގުގެ ތިން ވަނަ އަށް

Author
މުޙައްމަދު ޝަޒައިމް
14 ޖެނުއަރީ 2021 12:02
0

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި 1-0 އިން ބްރައިޓަން ބަލިކޮށް މެންޗެސްޓާ ސިޓީ ލީގުގެ ތިން ވަނަ އަށް ޖެހިލިއިފިއެވެ.

ބްރައިޓަން ކޮޅަށް ސިޓީގެ ހަމައެކަނި ގޯލު ޖެހީ ފުރަތަމަ ހާފުގެ ފަހުކޮޅުގައި ޒުވާން މިޑްފީލްޑަރު ފިލް ފޯޑެން އެވެ. އޭނާ މި ގޯލު ޖެހީ ކެވިން ޑިބްރޭނާ ދިން ބޯޅައަކުންނެވެ. ބްރައިޓަން އިން ވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި މި މެޗުގައި އެ ޓީމުގެ އަލެކްސިސް މެކްއަލިސްޓާ ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފަ އެވެ. ސިޓީ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން ޕެނަލްޓީ އަކުން ރަހީމް ސްޓާލިން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ.

މެޗުގައި ހަމައެކަނި ލަނޑު ކާމިޔާބު ކުރި ޕިލް ފޮޑެން މި ސީޒަންގައި ޖެހި 8 ލަނޑާއެކު އޭނާ ވެފައިވަނީ މި ސީޒަނުގައި ސިޓީއަށް އެންމެ ގިނަލަނޑު ޖެހި ކުޅުންތެރިޔާއަށެވެ. އެންމެފަހުން ސިޓީ ކުޅުނު 14 މެޗުން އެޓީމު ބަލިވެފައެއް ނުވެއެވެ. ރޭގައި ހޯދި މޮޅާއެކު ސިޓީން ވަނީ އެންމެފަހުން ޕްރިމިއަރ ލީގުގައި ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށްފައެވެ. ބްރައިޓެން އެންމެފަހުން ލީގުގައި ކުޅުނު 9 މެޗުން ވެސް ވަނީ މޮޅެއް ނުހޯދިފައެވެ. މި ނަތީޖާއެކު ސިޓީ ލީގުގެ ތިންވަނައަށް ކުރިޔަށް ޖެހިލީ 16 މެޗުން 32  ޕޮއިންޓު ހޯދައިގެންނެވެ.

ސިޓީން ތިން ވަނަ އަށް އެރީ ހަތަރު ވަނައިގައި އޮތް ލެސްޓާ ސިޓީ އާއި ފަސް ވަނައިގައި އޮތް އެވަޓަންއާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. ތިން ޓީމަށް ވެސް 32 ޕޮއިންޓް ލިބިފައިވާއިރު، ފައިދާ ލަނޑުން އެންމެ ކުރި ލިބެނީ އެއް މެޗު މަދުންކުޅެފައި އޮތް ސިޓީ އަށެވެ. އެވަޓަން އާއި ލެސްޓާ 17 މެޗު ކުޅުނުއިރު، ސިޓީ ކުޅެފައިވަނީ 16 މެޗެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.