އިސްރާއީލުން އަލްއަޤްޞާއަށް ވަދެގަތް މައްސަލަ ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

އިސްރާއީލުން އަލްއަޤްޞާއަށް ވަދެގަތް މައްސަލަ ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

Author
އަހުމަދު
16 މެއި 2026 12:52
0

އިސްރާއީލުގެ ސިފައިން މަސްޖިދް އަލްއަޤްޞާއަށް ވަދެގަނެ ހިންގި އުދުވާނީ އަމަލުތައް ދިވެހި ސަރުކާރުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ނަމާދުކުރަންދާ މުސްލިމުންނަށް ހުރަސްއެޅުމާއެކު އިސްރާއީލުން ހިންގަމުންދާ މިފަދަ ދަށުދަރަޖައިގެ އަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ކަންތައްތަކެއް ކަމަށެވެ. އަދި މިއީ އަލްއަޤްޞާ މިސްކިތުގެ މުޤައްދަސްކަމާއި، އެތަނުގެ ތާރީޚީ އަދި ދީނީ ހައިސިއްޔަތު ނައްތާލުމަށް ގަސްތުގައި ރާވައިގެން ހިންގާ ޖަރީމާއެއްކަމަށްވެސް އެ ވުޒާރާއިން ވަނީ ސިފަކޮށްފައެވެ.

މީގެ އިތުރުން، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން މެދުނުކެނޑި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވައި، އިސްލާމީ އުންމަތުގެ އެންމެ މުޤައްދަސް އެއް ބިނާގެ އަސްލު އޮޅުވާލުމަށް ކުރާ މަސައްކަތްތަކަށް އެ ޤައުމު ޒިންމާދާރުކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ. ދިވެހިރާއްޖެއިން އަބަދުވެސް ފަލަސްޠީނުގެ ރައްޔިތުންނާއެކު ސާބިތުވެ އޮންނާނެކަމުގެ ޔަޤީންކަންދީ، އިސްލާމީ މުޤައްދަސް ބިނާތައް ޙިމާޔަތްކުރުމަށާއި ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމަށް މި ބަޔާނުގައި ވަނީ ބާރުއަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.