ފެލިދެއަތޮޅަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަސް ޑައިވަރުންގެ ތެރެއިން އެކަކު މަރުވެ، އަނެއް ހަތަރު މީހުން ހޯދުމަށް ސިފައިން ކުރިއަށްގެންދާ އޮޕަރޭޝަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ.
"ޑޫކް އޮފް ޔޯކް" ނަމަކަށް ކިޔާ ސަފާރީއެއްގައި ދަތުރުކުރި މި ފަތުރުވެރިން ގެއްލިފައިވާއިރު، އެމްއެންޑީއެފުން ބުނެފައިވަނީ ގެއްލުނު މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު މިހާރު ފެނިފައިވާ ކަމަށެވެ. އަދި ބާކީ ތިބި ހަތަރު މީހުން ގާތްގަނޑަކަށް 200 ފޫޓު ދިގު ކޭވްއެއްގެ ތެރޭގައި ތާށިވެފައިވާ ކަމަށް ލަފާކުރެވޭއިރު، އެ މީހުން ހޯދުމަށް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ޚާއްޞަ އާލާތްތަކާއެކު ސިފައިން ވަނީ ފުރަތަމަ ޑައިވްކޮށްފައެވެ. މިއީ ނުރައްކާތެރި އޮޕަރޭޝަނަކަށް ވާއިރު، ފުރަތަމަ ޑައިވުން އެއްވެސް ނިޝާނެއް ފެނިފައިނުވާތީ ދެވަނަ ޑައިވަކަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
މި އޮޕަރޭޝަން ކުރިއަށްދާ ގޮތް ގާތުން ބައްލަވާލެއްވުމަށް ރައީސް އެ ސަރަހައްދަށް ވަޑައިގެންނެވިއިރު، އެމަނިކުފާނުގެ އަރިހުގައި ޚާރިޖީ ވަޒީރު އިރުދިޝާމް އާދަމް، ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން، ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ޢަލީ އިޙުސާން އަދި ސަލާމަތީ ބާރުތަކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސް ވަނީ އިޓަލީގެ ރައީސް ސަރޖިއޯ މަޓަރެއްލާއަށާއި އެ ޤައުމުގެ ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެފައެވެ. މީސްމީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ ނިޔާވި މީހާއާއި ގެއްލިގެން ހޯދަމުންދާ މީހުންގެ ޢާއިލާތަކަށް ހެޔޮ ދުޢާކުރައްވައި، ގެއްލިފައިވާ މީހުން ހޯދުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މި މަސައްކަތުގައި އިޓަލީ ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
މި ހާދިސާގައި ގެއްލިފައިވާ މީހުންގެ ތެރޭގައި ހިމެނެނީ އިޓަލީގެ ޔުނިވާސިޓީ އޮފް ޖެނޯއާގެ މެރިން ބަޔޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯންއާއި އޭނާގެ 20 އަހަރުގެ ދަރިފުޅު ޖިއޯޖިއާ ސޮމަކަލްގެ އިތުރުން މި ދަތުރުގައި ބައިވެރިވި މިއުރިއަލް އޮޑެނީނޯ، ޖިއަންލޫކާ ބެނެޑެޓީ އަދި ފެޑެރިކޯ ގުއަލްޓިއޭރީއެވެ.
ކޮމެންޓު ފޮނުވާ