އަމިއްލަ ކަންކަމަށް ވަގުތު ހުސްކުރެއްވުމުގެ ގޮތުން، ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) ގެ މަގާމުގައި ހުންނެވި އާދަމް ތައުފީގު އިއްޔެ އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރެއްވި ތައުފީގު، ފެނަކައިގެ ޑީއެމްޑީކަމާ ހަވާލުވެވަޑައިގަތީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުން މުހައްމަދު ނަޖާހު ވަކިކުރެއްވުމާ ގުޅިގެން، އާ އެމްޑީއެއް އައްޔަންކުރެވެންދެން ކުންފުނި ހިންގުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވީ ވެސް ތައުފީގެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީއަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން ސަރުކާރުން ވަނީ ފެނަކައިގެ އިސް ސަފަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އޭޕްރީލް 6 ވަނަ ދުވަހު އެމްޑީ ނަޖާހު ވަކިކުރުމަށްފަހު، ޖެހިގެން އައި ދުވަހު އެ ކުންފުނީގެ އިތުރު ޑީއެމްޑީއެއް ކަމަށްވާ މުހައްމަދު އާރިފް އަދި ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމުގައި ހުންނެވި މުހައްމަދު ޖިހާދު ވެސް ވަނީ މަގާމުން ދުރުކޮށްފައެވެ.
ކުންފުނީގެ މަތީ ފަޑިއަށް ގެނައި މި ބަދަލުތަކަށްފަހު، ފެނަކައިގެ އާ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު އަފީފް ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އައްޔަންކުރައްވާފައެވެ. އަފީފަކީ އެ ކުންފުނީގެ އެމްޑީކަމާ ހަވާލުވި ތިންވަނަ ބޭފުޅާއެވެ.
ކޮމެންޓު ފޮނުވާ