ލޯކަލް ކައުންސިލް އިންތިޚާބުގައި ތ. ތިމަރަފުށީ ދާއިރާގެ ވޯޓު ފޮއްޓެއް އަލުން ގުނުމަށް ހައިކޯޓުން އަމުރުކުރުމާ ގުޅިގެން، އެ ފޮށީގެ ސެކިއުރިޓީ އުރަތައް މިއަދު ހަވީރު ކަނޑަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އީސީން ހާމަކޮށްފައިވާ ގޮތުގައި، ހައިކޯޓުގެ ޙުކުމާ އެއްގޮތަށް ތިމަރަފުށީ ދާއިރާގެ އެންޓީ.2/480 ވޯޓު ފޮށީގެ ސެކިއުރިޓީ އުރަތައް ކެނޑުމުގެ މަސައްކަތް ކުރިއަށްދާނީ މިއަދު ހަވީރު 4:00 ގައެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތޮއިބާ މިސްކިތް ކައިރީގައި ހުންނަ ކުރީގެ ޑްރަގް ކޯޓު އިމާރާތުގައި ގާއިމުކޮށްފައިވާ އިންތިޚާބާ ބެހޭ މަރުކަޒުގައެވެ.
ހައިކޯޓުން މިގޮތަށް އަމުރުކޮށްފައިވަނީ، އިންތިޚާބުން ނާކާމިޔާބުވި ޕީއެންސީގެ ކެންޑިޑޭޓް މުޙައްމަދު އިމާދުގެ ފަރާތުން ހުށަހެޅި އިންތިޚާބީ ޝަކުވާގެ މައްސަލައެއް ބެލުމަށްފަހުގައެވެ. އޭނާ ކޯޓުގައި އެދިފައިވަނީ މުޅި އިންތިޚާބު ބާޠިލުކޮށް އަލުން އިންތިޚާބެއް ބޭއްވުމަށް ނުވަތަ އަމީނިއްޔާ ސްކޫލުގައި ބެހެއްޓި ވޯޓު ފޮށި އަލުން ގުނައިދިނުމަށެވެ.
މި މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މުޙައްމަދާއި، ފަނޑިޔާރު ޙުސައިން މަޒީދުގެ އިތުރުން ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ އިއްތިފާޤުން ކުރެއްވި ޙުކުމުގައި، އިންތިޚާބު ބާޠިލުކުރަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ވަނީ ކަނޑައަޅުއްވާފައެވެ. ނަމަވެސް އެ ފޮށި އަލުން ގުނުމަށް ކޯޓުން އަމުރުކުރީ، ވޯޓުލީ މަރުކަޒުގައި ފުރަތަމަ އިޢުލާންކުރި ވަގުތީ ނަތީޖާއާއި އީސީގެ ވެބްސައިޓުގައި ޢާންމުކުރި ނަތީޖާއާ ދެމެދު ފަރަޤުތަކެއް ހުރުމާއި، ކެންޑިޑޭޓުންނަށް އެންގުމަކާ ނުލައި ނަތީޖާ ޝީޓަށް ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކުރެވިފައިވާތީއެވެ.
ކޮމެންޓު ފޮނުވާ