ނޫސްވެރިކަމުގެ މިނިވަންކަން ދިފާއުކުރުމަށް ކަމަށް ބުނެ ކުރީގެ ތިން ރައީސުން އެކުގައި މަސައްކަތްކުރަން ނިންމެވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ބޭފުޅުންނަށް ވަރަށް ހޫނު ރައްދެއް ދެއްވައިފިއެވެ.
ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ "ހުސް ފެއިލިޔަރުން" ކަމަށެވެ. އަދި އެކަކު އަނެކަކުގެ ކަރުގައި ހިފައި، ބުރަކައްޓަށް ވަޅި ޖަހާފައި ތިބި ބަޔަކު އެއްވެގެން ގައުމަށް ކޮށްދެވޭނެ އެއްވެސް ފައިދާއެއް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ގައުމަށް ބޭނުންވަނީ ޒިންމާދާރު އިދިކޮޅު ފަރާތްތަކެއްކަން ފާހަގަކުރައްވައި، ރައީސް ސިފަކުރެއްވީ އެ ތިން ބޭފުޅުންގެ މަސައްކަތަކީ "ބަތް ކައްކާ ކުޅުން" ފަދަ ދެއުޅިއެއް ނުވާ ކަމެއްގެ ގޮތުގައެވެ. މީގެ އިތުރުން، ކުރީގެ ސަރުކާރުތަކުގެ ނަތީޖާއަށް ބަލާއިރު، މި ސަރުކާރަށް ފާޑުކިޔުމުގެ ހައްގު އެއިން އެއްވެސް ބޭފުޅަކަށް ލިބިގެން ނުވާކަމަށާއި، އެ ބޭފުޅުންގެ ކިބައިގައި އޮތީ އަމިއްލަ އެދުން ކަމަށް ވިދާޅުވިއެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމަށް އިޝާރާތްކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، އޭރު ތަރައްގީގެ ކަންތައްތަކެއް ކުރެވުނު ނަމަވެސް، ގައުމުގައި އޮތީ އަނިޔާވެރިކަމާއި ކޮރަޕްޝަން ކަމަށެވެ. އަދި ހުރިހާ ސިޔާސީ ލީޑަރުން ޖަލަށް ލާފައިވުމަކީ ފޮރުވެން ނެތް ހަގީގަތެއް ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، ރައީސް ނަޝީދާއި ރައީސް ޞާލިހުގެ ވެރިކަމުގައި ގައުމު ހިންގަން ނޭނގުނު ކަމަށާއި، ވެންޓިލޭޓަރު މައްސަލަ ފަދަ ބޮޑެތި ޚިޔާނާތްތައް ހިންގާފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި އެކުގައި މަސައްކަތްކުރެއްވުމަށް ކުރީގެ ތިން ރައީސުން މިރޭ ބައްދަލުކުރައްވަން ހަމަޖެހިފައިވާއިރު، މިއީ އެމްޑީޕީއަށް އަބަދުވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ރައީސް ޔާމީން، އެމްޑީޕީގެ ކުރީގެ ދެ ރައީސުންނާ އެކު މިފަދަ މަޝްވަރާއަކަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ރައީސް މުއިއްޒު ވަނީ މާޒީގެ މި ހުރިހާ ކަމަކަށް ފުންކޮށް ވިސްނައި، ހަމަޖެހިގެން ގޮތް ނިންމުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ