ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އާއިލާތަކުގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖެއްގައި، ޢާއިލާއިން އުފައްދައިދޭ ލޭގެ ގުޅުމަކީ ދުވަހަކުވެސް ކެނޑިގެންދާނެ ގުޅުމެއް ނޫންކަމަށް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި އެމަނިކުފާނު މިއަދު ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، ކޮންމެ ޢާއިލާއެއްގެވެސް ފެށުމަކީ މައިންބަފައިންނެވެ. އަދި އިސްލާމްދީނުގައި މާތްﷲ ގެ އެއްކައުވަންތަކަން ޤަބޫލުކުރުމަށްފަހު، މުސްލިމުން ދެން އެންމެ ބޮޑު އިސްކަމެއް ދިނުމަށް އަންގަވާފައިވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށާއި ކިޔަމަންތެރިވުމަށެވެ. މިއިންވެސް ދޭހަވަނީ މާތްވެގެންވާ އިސްލާމްދީނުގައި ޢާއިލާއަށް ދީފައިވާ މަތިވެރި ޤަދަރާއި އަހަންމިއްޔަތުކަން ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ޤައުމެއްގެ އިޖުތިމާޢީ ފޭރާން ރަނގަޅުކޮށް ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމުގެ ބިންގަލަކީ ބަދަހި ޢާއިލާތަކެއް އުފެއްދުންކަން އެމަނިކުފާނުގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ. އެމަނިކުފާނުގެ ޕޯސްޓު ނިންމަވާލައްވަމުން ވަނީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ޢާއިލީ ލޯތްބާއި އަޅައިލުން އެކުލެވިގެންވާ، އުފާވެރި ބާއްޖަވެރި ޙަޔާތަކަށް އެދިވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ