މިއަހަރުގެ އަޟްޙާ އީދުގެ ބަންދާ ގުޅިގެން، މި މަހުގެ 24 އަދި 25 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ދެ ދުވަސް ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅުއްވީ ސަރުކާރު މުވައްޒަފުންނަށް މެދުނުކެނޑި ދިގު ޗުއްޓީއެއް ލިބޭނެ މަގުފަހިކޮށްދެއްވުމަށެވެ. އަދި މިއީ އާއިލާއާއެކު އުފާވެރި ގިނަ ވަގުތުތަކެއް ހޭދަކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ހޯދައިދެއްވުމުގެ ބޭނުމުގައި ނިންމެވި ނިންމެވުމެއް ކަމަށްވެސް އެ އޮފީހުން ވަނީ ބުނެފައެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ޙައްޖު ދުވަހަކީ މި މަހުގެ 26 ވާ އަންގާރަ ދުވަހެވެ. އަދި އަޟްޙާ އީދު ދުވަހަކީ އޭގެ އަނެއްދުވަސް ކަމަށްވާ 27 ވާ ބުދަ ދުވަހެވެ. އެހެންކަމުން، އަލަށް މި ގެނައި ބަދަލާއެކު ހަފްތާ ބަންދާ ގުޅިގެން މުވައްޒަފުންނަށް ގިނަ ދުވަސްތަކެއްގެ ޗުއްޓީއެއް ލިބިގެންދާނެއެވެ.
ދިގު އީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް އަލުން ހުޅުވުމަށް ހަމަޖެހިފައިވަނީ، މިހާރުވެސް ކަލަންޑަރުގައި ކަނޑައެޅިފައިވާ ގޮތަށް މެއި މަހުގެ 31 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ